ގައުމީ އެއާލައިން ހިންގާ އައިލެންޑް އެވިއޭޝަން ސާވިސެސް ލިމިޓެޑުން މުސާރަތައް މުރާޖާ ކުރުމުގެ ކަންކަމާ ގުޅިގެން ލަފާދޭނެ ކޮންސަލްޓަންޓަކު ހޯދަން އިއްޔެ އިއުލާން ކޮށްފި އެވެ.
އައިލެންޑް އެވިއޭޝަނުން ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނީގެ މުސާރައިގެ އޮނިގަނޑު ތައްޔާރުކޮށް ތަންފީޒުކޮށްދޭނެ ތަޖުރިބާކާރު ކޮންސަލްޓަންސީ ފާމެއް ބޭނުންވާ ކަމަށެވެ.
ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސް (އީއޯއައި ފޯމް) އޯގަސްޓް، 26 ގެ މެންދުރު 12:00 ޖެހުމުގެ ކުރިން ހުށަހަޅަން އެދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
އީއޯއައި ހުށަހެޅުމަށް މޯލްޑިވިއަންއިން އެދިފައި ވަނީ އެ ކުންފުނީގެ moohath.mohamed@iasl.aero މެއިލްއަށެވެ.
އޭގެއިތުރުން ރިކުއެސްޓް ފޯ ޕްރޮޕޯޒަލް (އާރްއެފްޕީ) ގައި ބޭނުންވާ އިތުރު މައުލޫމާތުތައް މޯލްޑިވިއަންއިން ވަނީ ހިމަނާފަ އެވެ.

އައިލޭންޑް އެވިއޭޝަންގައި 1،300 މުވައްޒަފުން އެކި އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވެ އެވެ.
އޭގެ ތެރޭގައި އެއާ ޓްރާންސްޕޯޓް ހިދުމަތް، އެއާ ކާގޯ، އެއާޕޯޓް މެނޭޖްމަންޓް، އެއާކްރާފްޓް އިންޖިނިއަރިން އަދި ގްރައުންޑް ހޭންޑްލިން ހިދުމަތް ހިމެނެ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އޭވިއޭޝަން ދާއިރާއާ ގުޅުންހުރި މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުުކުރުމަށް ރިވިއުކުރަން ފެށި އެވެ.











