ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (ސަސްޓެއިނަބަލް ޑިވެލޮޕްމެންޓު ގޯލްސް - އެސްޑީޖީ) ހާސިލުކުރުމަށްޓަކައި ގާނޫނު ހަދާ މަޖިލީސް މެދުވެރިކޮށް ކަންކަން ތަންފީޒު ކުރުން އަވަސްކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ބާއްވާ ސެމިނާރެއްގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޗައިނާ އަށް ރޭ ފުރާވަޑައިގެންފި އެވެ.
މިއީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަބްދުއްރަހީމް މިފަދަ ސެމިނާރެއްގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
އަބްދުއްރަހީމުގެ އަރިހުގައި، ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު، އަދި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ބައިވެރިވެވަޑައިގަންނަވަ އެވެ.
އިންޓަ ޕާލިމަންޓަރީ ޔޫނިއަން (އައިޕީޔޫ) އިން އިންތިޒާމުކޮށްގެން މި މަހުގެ 19 އިން 28 އަށް ޗައިނާގެ ބެއިޖިންގައި މި ސެމިނާރު ބާއްވާއިރު، އެ ދުވަސްވަރު ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުން ވެސް ކުރިއަށް ގެންދެ އެވެ.
އައިޕީޔޫ އާއި ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސް ގުޅިގެން، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅޭ ގޮތުން ބާއްވާ ސެމިނާރުގައި ތަރައްގީވަމުން އަންނަ 32 ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުން ބައިވެރިވެ އެވެ.














