އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލްއާންމުގައި އަލް ތާބިން ސްކޫލަށް ހަމަލާދީ 100 އަށްވުރެ ގިނަ މީހުން މަރާލުމުން ރާއްޖެއިން މިރޭ އެކަން ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެތައް ބަޔަކު ހިޔާވެހިކަން ހޯދައިގެން ތިބި އެ ސްކޫލަށް ހަމަލާދީ މަރާލުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހިންގި އަމަލެއް ކަމަށެވެ.
"ރާއްޖެއިން ބައިނަލްއަގުވާމީ ފަރާތްތަކަށް ގޮވާލަނީ މި ހަމަލާތައް ހުއްޓުވައި، މައުސޫމު މީހުން ހަމަލާތަކުގެ ޝިކާރައިން ސަލާމަތްކޮށް، ފަލަސްތީނުގައި ސުލްހަ ގާއިމުކުރަން،" ފޮރިން މިނިސްޓްރީން ބުންޏެވެ.
ރާއްޖެއިން ފަލަސްތީނަށް ހައްގުތައް ހޯދައިދީ، ދޭން ޖެހޭ އެއްބާރުލުން ދިނުމުގައި ދެމި އޮންނާނެ ކަމަށް ވެސް ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.
"އަލް ޖަޒީރާ" އިން ބުނީ ވައިގެ މަގުން ރޭ ފަތިހު ދިން އެ ހަމަލާ ސްކޫލަށް އަމާޒުވީ ފަތިސް ނަމާދު ކުރަމުންދިޔަ ވަގުތު ކަމަށާއި ގިނަ ބަޔަކު ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ފަރުވާ ދެމުން ދަނިކޮށް ވެސް މަރުވެފައިވާ ކަމަށެވެ.

ހަމަލާއާ ގުޅޭ ގޮތުން އިޒްރޭލުން ދެއްކީ ކުރިން ވެސް ދައްކާ ކަހަލަ ބަހަނާ އެކެވެ. އިޒްރޭލުން ބުނީ އެ ސްކޫލަކީ ހަމާސްގެ ހެޑްކުއާޓާއެއް ގޮތަށް ބޭނުންކުރަމުން ދިޔަ ތަނެއް ކަމަށެވެ. ނަމަވެސް އެކަން ސާބިތު ކުރެވޭނެ އެއްވެސް ހެއްކެއް ނެތެވެ.
އިޒްރޭލުން ގާޒާގައި ހިންގަމުންދާ ގަތުލްއާންމުގައި މިހާތަނަށް 40،000 އާ ގާތްކުރާ އަދަދަށް މީހުން ވަނީ މަރާލައިފަ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
ގަތުލްއާންމު ހުއްޓުވަން މިހާތަނަށް ކުރަމުންދާ މަސައްކަތަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ. އެގޮތުން އިޒްރޭލުން ހަނގުރާމަ ހުއްޓާލަން އެއްވެސް ގައުމަކާއެކު އެއްބަސްވާން ވަނީ ދެކޮޅު ހަދާފަ އެވެ.












