މާފަންނު ސަހަރާގެ ކަންބިން އެއްކޮށް ކޮނެ، ފުރާނައި ސާފުކޮށް ވަށާ ފާރު ނަގައި އެ ބިން ހުސްކޮށްދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާނު ކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނުގައި ބުނީ އެ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ބިންތަކުގެ ތެރެއިން ގަބުރުސްތާނެއްގެ ގޮތުގައި މީގެ ކުރިން ބޭނުން ކުރަމުންއައި މާފަންނު ސަހަރާގެ 36،153 އަކަފޫޓުގެ ސަރަހައްދު ހުސް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދުމަށް ހުޅުވައިލާ ކަމަށެވެ.
އެ މަސައްކަތް ކުރަން ޖެހޭނީ ސިޓީ ކައުންސިލާއި އިސްލާމިކް މިނިސްޓަރީން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.
ސަހަރާގެ ބިން ސާފު ކުރުމުގެ މަސައްކަތުގެ ތެރޭގައި ތިން ކަމެއް ހިމެނެ އެވެ. އެއީ:
- 36،153 އަކަފޫޓުގެ ސަރަހައްދުގައިވާ ވެލިގަނޑު 2.4 މީޓަރު ފުންމިނަށް ކޮނެ ފުރޭނުމަށްފަހު އިތުރުވާ ވެލި ގެންގޮސް ހުޅުމާލެ ސަހަރާގައި ފުނި ޖެހުން
- މާފަންނު ސަހަރާގެ 742 ފޫޓުގެ ދިގު މަގުމަތީ ފާރު ނެގުމާއި އުކައިލުން
- ސަހަރާގެ ގޯތި ތެރޭގައި ނަގަންޖެހޭ ގަސްތައް ނެގުމަށްފަހު އަލުން ސިޓީ ކައުންސިލުން ދައްކާ ތަނެއްގައި އެ ގަސްތައް އިންދުން
ސިޓީ ކައުންސިލުން ނިންމާފައި ވަނީ މާލޭގައި އިންދިރާސްވެފައި ހުރި ސަހަރާތައް ސާފުކޮށް އެ ބިންތަކުގައި ޕާކިން ބިލްޑިންތަކެއް އެޅުމަށެވެ. އެ ނިންމުން ނިންމީ ސިޓީ ކައުންސިލުން އޯގަސްޓު 27، 2019 ގައި ބޭއްވި އެ ކައުންސިލުގެ ޖަލްސާގަ އެވެ.

އެ ނިންމުމުގެ ދަށުން މާލޭގެ ހަތަރު އަވަށުގައި ހުރި ހަތަރު ސަހަރާ ސާފު ކުރުމާމެދު އިސްލާމިކް މިނިސްޓަރީގެ ލަފަޔަކަށް އެދުމުން، އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ފަތުވާއެއް ސިޓީ ކައުންސިލަށް ދީފައިވެ އެވެ.
އެ ފަތުވާގައި ބުނެގައި ވަނީ "މާލެއާއި އަތޮޅު ތެރޭގެ ރަށްރަށުގައި ހުރި ދުވަސްވެ، އިންދިރާސްވެފައިވާ ގަބުރުސްތާނުތައް އިހުތިރާމާ އެކު ކޮނެ، އިހުތިރާމާ އެކު އެ ތަންތަނުން ފެންނަ މިނިކަށިތައް އެހެން ގަބުރުސްތާނެއްގައި ވަޅުލުމަށްފަހު އެ ގަބުރުސްތާނުގެ ބިން އާންމު މަސްލަހަތު ހިމެނޭ ކޮންމެ ކަމެއްގައި ބޭނުން ކުރެވިދާނެ ކަމަށެވެ،"
މާފަންނު ސަހަރާ ސާފު ކުރުމުގެ މަސައްކަތުގެ މައުލޫމާތު ސާފު ކުރުން އޮތީ އަންނަ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި ހ. ހުޅުގަލި ގަ އެވެ.
އަގު ހުށަހެޅުމަށް ހަމަޖައްސާފައި ވަނީ އޯގަސްޓު 20، ގެ މެންދުރުފަހު 1:00 ގައި ހަމަ އެ އެޑްރެސްގަ އެވެ.
މަސައްކަތާ ބެހޭ އިތުރު މައުލޫމާތު ސިޓީ ކައުންސިލުން ގެޒެޓު ކުރި އިއުލާނާ އެއް ކަރުދާސް ކޮށްފައިވެ އެވެ.













