އިންޑިއާ އާ ދެކޮޅު ހަރަކާތުގެ ފޫޅު ފައިސަލް ކަނޑާލީ ޔާމީނަށް

ޓޫރިޒަމް މިނިސްޓަރު، އިބްރާހިމް ފައިސަލް ކެބިނެޓު ބައްދަލުވުމަކަށްފަހު ނުކުމެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ޓޫރިޒަމް މިނިސްޓަރު، އިބްރާހިމް ފައިސަލް ކެބިނެޓު ބައްދަލުވުމަކަށްފަހު ނުކުމެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

އިންޑިއާ މާކެޓު ދަށްވީ އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ކަމަށް މޭރުންވާ ފަދަ ގޮތަކަށް ވާހަކަދައްކަވައި، އިންޑިއާ އާ ދެކޮޅު ވިސްނުމަކީ ރައީސް ޔާމީނުގެ ވިސްނުން ކަމަށް ޓޫރިޒަމް މިނިސްޓަރު، އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް މިދިޔަ މަހުގެ 31 އިން މިމަހުގެ ތިންވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިޔަ "ވެލްކަމް އިންޑިއާ" ރޯޑްޝޯތައް ނިންމައިލުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ އިންޑިއާ މާކެޓަކީ ރާއްޖެއަށް އެންމެ މުހިންމު އެއް މާކެޓު ކަމަށެވެ.

ނަމަވެސް އިންޑިއާ މާކެޓު ދަށްވީ "ސަބަބުތަކެއް މެދުވެރިވެގެން،" ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފޮރިން ސިޔާސަތަކީ "އިންޑިއާ އާ އެކީގައި ހަމަ ވަރަށް ގާތް ގުޅުމެއް ބާއްވައިގެން އަދި ޗައިނާ އާ އެކީގައި ވެސް ވަރަށް ގާތް ގުޅުމެއް، ދުނިޔެއާ ވަރަށް ގާތް ގުޅިގެން" ކުރިއަށް ދިޔުން ކަމަށް ފައިސަލް ވިދާޅުވި އެވެ.

އިންޑިއާ އާ ދެކޮޅަށް ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތުގެ ނަން ނުގަނެ، ނުސީދާކޮށް ފައިސަލް ވިދާޅުވީ "އެއީ އަޅުގަނޑުމެންގެ ސްޓޭންޑެއް ނޫން،" ކަމަށާއި "އެއީ ކުރިން އަޅުގަނޑުމެން ތެރޭގައި ހުންނެވި ރައީސްއެއްގެ ވިސްނުން،" ކަމަށެވެ.

އަދި، "މިއަދު އަޅުގަނޑުމެން މިތިބީކީއެއް އެގޮތަކަށް ނޫން،" ކަމަށާއި "މިއަދުގެ ސަރުކާރުގެ ވިސްނުމަކީ އެކަހެރިވުމެއް ނޫން،" ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް އެހެން ވިދާޅުވި ނަމަވެސް އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވާން ފެށީ މި ސަރުކާރުގެ ނައިބު ވަޒީރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ފުރައްސާރަ ކުރުމުން ހިލުނު މައްސަލަގަނޑުގަ އެވެ.

އެކަމާ ގުޅިގެން އިންޑިއާގެ މަޝްހޫރު ކުޅިވަރު ކުޅުންތެރިންނާއި ބޮލީވުޑު ފަންނާނުން އިސްނަގައިގެން ރާއްޖެއާ ދެކޮޅަށް ކެމްޕޭނެއް ވެސް ކުރި އެވެ. ނަތީޖާއެއްގެ ގޮތުން އިންޑިއާ ޓްރެވެލް އޭޖެންސީތަކުން ރާއްޖެ ބޮއިކޮޓު ވެސް ކުރި އެވެ.

އެ މައްސަލައިގައި ދެ ގައުމުގެ ޒަމާންވީ ގުޅުމުގައި ލީ ރެނދު ބެއްދުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާއިރު، މޯދީއަށް ފުރައްސާރަ ކުރި ތިން ނައިބު ވަޒީރުން އަދިވެސް ތިއްބެވީ މުސާރަ ލިބޭ ގޮތަށް ސަސްޕެންޝަނުގަ އެވެ.

އިއްޔެގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައިސަލް އިތުރަށް ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް ކުރާ މަސައްކަތުގެ ސަބަބުން އިންޑިއާ މާކެޓު ވަރަށް ބޮޑަށް ކުރިއަރައިގެން ދާނެ ކަމަށެވެ.

"އަޅުގަނޑުމެން މިހެން ހަމަ ތިބެފައި ބުނާ ވާހަކައެއް ނޫނޭ، މިއައީ ރޯޑް ޝޯއެއް ނިންމާފައޭ މިދިޔަ ހަފުތާގައި އިންޑިއާގައި، އެންމެ ވަރުގަދަ ތިން ސިޓީގައި ދެން އަނެއްކާ އަޅުގަނޑުމެން މި ބަލަނީ މި އަހަރު އަދި އިންޑިއާއަށް ދާން، އެހެންވީމާ އޭގެއިތުރުން އަދި އިންފްލުއެންސާސް ސްލެބްރިޓީސް ވެސް ރާއްޖެއަށް ގެނެވި އެ މަސައްކަތް ވެސް ހަމަ ވަރަށް ފުޅާ ދާއިރާއެއްގައި އެބަ ކުރިއަށް ދޭ،" ފައިސަލް ވިދާޅުވި އެވެ.

އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު، އިންތިހާއަށް މަދުކަމަށް އިއުތިރާފުވެވަޑައިގެން ފައިސަލް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ވަރުދަގަ ތިން މާކެޓުގެ ތެރޭގައި އިންޑިއާ ހިމެނުން ކަމަށެވެ.

"އަޅުގަނޑުގެ އަމާޒަކީ އިންޑިއާ މާކެޓަކީ ޓޮޕް ތިންވަނައަށް ގެނައުން، މިވަގުތު އަދި މިހައިތަނަށް 71،000 އެއްހައި ފަތުރުވެރިން ރާއްޖެއަށް އައީ އެހެންނަމަވެސް އެއީ މިދިޔަ އަހަރު ދެލައްކައެއްހައި ފަތުރުވެރިން އިންޑިއާ މާކެޓުން އެކަނި ރާއްޖެ އައި،" ފައިސަލް ވިދާޅުވޮ އެވެ.

އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް ކުރިއަށް ގެންދިޔަ ރޯޑް ޝޯ ވަރަށް ކާމިޔާބު ކަމަށް ފައިސަލް ވިދާޅުވި އެވެ. އެގޮތުން ރާއްޖޭ ބޮއިކޮޓު ކުރި ޓްރެވެލް އޭޖެންސީއަކާ ވެސް އެ ރޯޑްޝޯގެ ތެރެއިން ބައްދަލު ކުރި ކަމަށާއި އެ ބައްދަލުވުން ވެސް ވަރަށް ކާމިޔާބު ކަމަށް ފައިސަލް ވިދާޅުވި އެވެ.

އިންޑިއާ އަކީ މިދިޔަ ދެ އަހަރު ވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ގައުމެވެ. ނަމަވެސް މިއަހަރުގެ މިހައިތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދަށް ބަލާއިރު، އިންޑިއާ އޮތީ އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމުތަކުގެ ލިސްޓުގެ ހަ ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox