އިންޝުއަރެންސްގެ ވިޔަފާރިތައް ހިންގުމާއި ލައިސަންސް ދިނުމާ ގުޅޭ އުސޫލުތައް ބަޔާންކޮށް އެ ވިޔަފާރި ރެގިއުލޭޓުކުރަން އިންޝުއަރެންސްގެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފި އެވެ.
ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވި "އިންޝުއަރެންސްގެ ބިލު" ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގެވެ.
މިއީ އިންޝުއަރެންސްގެ ވިޔަފާރިއާ ގުޅޭ ގާނޫނީ އޮނިގަނޑެއް އެކުލަވާލަން މަޖިލީހަށް ބިލެއް ހުށަހެޅި ދެވަނަ ފަހަރެވެ. ނިމުނު ރައްޔިތުންގެ މަޖިލީހަށް ވެސް "އިންޝުއަރެންސާބެހޭ ބިލު" ގެ ނަމުގައި އިންޝުއަރެންސް ވިޔާފަރިއާ ގުޅޭ ބިލެއް ހުށަހަޅައިގެން މަސައްކަތް ކުރި އެވެ.
ނަމަވެސް،، 2020 ގައި ހުށަހެޅި މި ބިލު އޮތީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމެން ގާތްވީ އިރު ވެސް އޮތީ ކޮމިޓީ މަރުހަލާގަ އެވެ.

އިންޝުއަރެންސްގެ ބިލުގައި އޮތް ގޮތުން މިފަދަ ވިޔަފާރިތަކަށް ލައިސެންސް ދީ، ރެގިއުލޭޓުކޮށް ފިޔަވަޅު އަޅާނީ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންނެވެ. ގާނޫނެއްގެ ދަށުން ނޫނަަސް މިހާރު ވެސް މިކަން ކުރަނީ އެމްއެމްއޭއިންނެވެ.
ބިލުގައި ހިމަނާފައިވާ މުހިންމު އެހެން ކަންކަމުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް އިންޝުއަރެންސް ހިދުމަތް ދިނުމުގެ ލައިސެންސް ދިނުމާއި ގަވާއިދާ ހިލާފުވާ ވިޔަފާރިތައް ބޮޑު އަދަދުން ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓާ ނުވަތަ ބާތިލުކުރެވޭނެ ހާލަތްތައް ވެސް ހިމެނެ އެވެ.
އެމްއެމްއޭއާ މަތިކުރެވޭ އެހެން ޒިންމާތަކުގެ ތެރޭގައި އިންޝުއަރެންސް ވިޔަފާރިތަކަށް ޝަރުތު ކަނޑައެޅުމާއި އޮޑިޓު ކުރުމާއި ޑިސްޕިއުޓް ރިޒޮލިއުޝަނާ ގުޅޭ ކޮމިޓީއެއް އެކުލަވާލާ، އެ މައްސަލަތައް ބެލުން ހިމެނެ އެވެ.













