އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.
އިސްލާމިކް މިނިސްތްރީން ބުނީ ޝަހީމް ސައުދީއަށް ފުރާވަޑައިގެންނެވީ އެ މިނިސްޓްރީން ބައިވެރިވާ ހާއްސަ ކޮންފަރެންސްގެ ނުވަ ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.
ޝަހީމްގެ އަރިހުގައި އިތުރު ދެ ބޭފުޅުން ވެސް ސައުދީއަށް ވަޑައިގެންނެވި އެވެ. އެއީ އިސްލާމީ މަރުކަޒުގެ އިސް އިމާމު މުހައްމަދު ލަތީފް އަދި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އިމްތިތާއުު އައްބާސް އެވެ.
މައްކާގައި އޮންނަ އެ ކޮންފަރެންސް ކުރިއަށްދާނީ އޯގަސްޓް، 4 އިން ފެށުގެ އޯގަސްޓް، 5 ގެ ނިޔަލަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. ނަމަވެސް ކޮންފަރެންސާ ބެހޭ މައުލޫމާތެއް އެ މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
މިއީ ޝަހީމް ސައުދީއަށް މި އަހަރު ކުރައްވާ ހަ ވަނަ ދަތުރުފުޅެވެ. ދަތުރުފުޅަށްފަހު ޝަހީމް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އޯގަސްޓް، 7 ގަ އެވެ.

ޝަހީމް މި އަހަރު ސައުދީއަށް ކުރެއްވި ދަތުރުފުޅުތައް:
ޖެނުއަރީ މަހު - ހައްޖު ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް
- މާޗު މަހު - ސައުދީގައި ބޭއްވި އޯއައިސީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް
- އެޕްރިލް - މުސްލިމް ވޯލްޑް ލީގުގެ ސުޕްރީމް ކައުންސިލްގެ ޖަލްސާއަށް ވަޑައިގެންނެވި
- މެއި މަހު - ރައީސްގެ ދެކަނބަލުންނާއެކު އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ވަޑައިގެންނެވި
- ޖޫން މަހު - ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ވަޑައިގެންނެވި
އޭގެ އިތުރުން ޝަހީމް ވަނީ މެއި މަހު އޯއައިސީގެ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒުގެ މަންދޫބެއްގެ ގޮތުގައި ގެމްބިއާއަށް ވަޑައިގަތުމުގެ އިތުރުން ޖޫން މަހު ޗައިނާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފަ އެވެ.













