ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާގެ މައްޗަށް ރާއްޖޭގެ ހުރިހާ މިަސްކިތެއްގައި ޣައިބަށް ކަށު ނަމާދުކުރި ކަމަށް ބުނެ، ދައުލަތުގެ މީޑިއާ އިން ދޮގު ހަބަރު ފެތުރުމުން ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފި އެވެ.
ޕީއެސްއެމްގެ 2:00 ގެ ހަބަރުގައި ބުނީ ހަނިއްޔާގެ މައްޗަށް ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށު ނަމާދުކުރި ކަމަށެވެ. އެހެން ނަމަވެސް މާލެ ސަަރަހައްދުގެ ގިނަ މިސްކިތްތަކުގައި ހަނިއްޔާގެ މައްޗަށް ކަށުނަމާދު ނުކުރާ އިރު، "ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރީ ރާއްޖޭގެ ކޮން މިސްކިތެއްގައިތޯ" ސޯޝަލް މީޑިއާގައި އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
"ކޮން މިސްކިތެއްގައި ކުރީ؟" ޕީއެސްއެމްގެ ހަބަރަށް ސޯޝަލް މީޑިއާގައި ކޮމެންޓް ކުރި މީހަކު ސުވާލުކޮށްފައި އޮތެވެ.
އެހެން މީހަކު ބުނީ އޭނާ ހުކުރަށް ދިޔަ މިސްކިތުގައި ނުކުރާ ކަމަށެވެ.
"ނޫރު މިސްކިތް، [މި މިކިސްތުގައި] ނުކުރޭ،" ޕީސްއެމްގެ ހަބަރަށް ކޮމެންޓް ކުރި އެހެން މީހަކު ބުންޏެވެ.

އެނގިފައިވާ ގޮތުގައި މިއަދުގެ ހުކުރު ނަމާދަށް ފަހު ހަނިއްޔާގެ މައްޗަށް ޣަައިބަށް ބައެއް ފަރާތްތަކުން އެދޭ ކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަަދު ޝަހީމް އަލީ ސައީދު އެންގެވީ ކުރަން ބޭނުން އިމާމަކު ކުރާ ގޮތަށް، އިމާމުންގެ އިހުތިޔާރަށް އެކަން ދޫކޮށްލުމަށެވެ.
ބައެއް ފަރާތްތަކުން އެދެމުންދާ ކަމަށް އޭނާ ވިދާޅުވި އިރު، ޝަހީމް ވެސްް އެ ޕާޓީއެއްގައި ކުރިން އިސްކޮށް އުޅުއްވި އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންގެ ފަރާތުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ހަނިއްޔާގެ ކަށުނަމާދުކުރަން އެދިވަޑައިގެން މިދިޔަ ބުދަ ދުވަހު ޝަހީމަށް ސިޓީއެއް ފޮނުއްވައިފަ އެވެ.
އެ ސިޓީ ފޮނުވާފައި ވަނިކޮށް ވެސް ހަނިއްޔާގެ މައްޗަށް ކަށު ނަމާދު ކުރަން އިމާމުންނަށް އެންގުމުގެ ބަދަލުގައި އިހުތިޔާރަށް ދޫކޮށްލުމުން، ސޯޝަލް މީޑިއާ އެކްސްގައި ޒާހިރު ނުރުހުން ފާޅުކުރެއްވި އެވެ.











