އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ގަތުލުއާންމާ ދެކޮޅަށް ޖިހާދުކުރާ ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލައިފި އެވެ.
ހަމާސްއާ ހަވާލާދީ ބައިނަލް އަގުވާމީ މީޑިއާތަކުން ބުނި ގޮތުގައި ހަނިއްޔާ އަވަހާރަކޮށްލީ އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަވަނިކޮށް، އިޒްރޭލުން ރާވައިގެން ދިން ބަޑީގެ ހަމަލާއެއްގަ އެވެ.
އިޒްރޭލުން އޭނާ އަވަހާރަކޮށްލާފައި މިވަނީ އޭނާގެ ތިން ދަރިންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި އެ މީހުން ޝަހީދުކޮށްލިތާ ތިން މަސް ފަހުންނެވެ.
ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާގެ މަގާމުގައި 2017 ވަނަ އަހަރުން ފެށިގެން ހުންނަވަނީ ހަނިއްޔާ އެވެ. އިޒްރޭލުން ގާޒާގެ ބޯޑަރުތައް ކޮންޓްރޯލް ކުރާތީ އެތަނަށް އެތެރެ ނުވެވި އޭނާ ދިރިއުޅުއްވަނީ ތުރުކީ އަދި ގަތަރުގަ އެވެ.
ގާޒާގައި އެންމެ ފަހުން 2006 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުން ކުރި ހޯދީ ހަމާސް އެވެ. އެއާ އެކު ހަނިއްޔާ ވެވަޑައިގެންނެވީ ފަލަސްތީނުގެ ބޮޑުވަޒީރަށެވެ.

އޭގެ ފަހުން އިޒްރޭލުން ވަނީ ގާޒާ ވަށާލައި، ގާޒާގެ ބޯޑަރުތައް ކޮންޓްރޯލް ކުރަން ފެށި އެވެ. އަދި ހަމާސްއިން ހަމަލާތައް ދޭ ކަމަށް ބުނެ އެއީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ލޭބަލް ކުރި އެވެ. އެމެރިކާ އާއި އީޔޫއިން ވެސް ނިންމި އެގޮތަށެވެ.
މިދިޔަ އޮކްޓޯބަރު މަހު އިޒްރޭލުން ދޭން ފެށި ހަމަލާތަކާއެކު ހިންގަމުންދާ ގަތުލުއާންމުގައި ހާތަނަށް 39،200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ކަމާ ނުބެހޭ ކުޑަކުދިންނާއި އަންހެނުންނެވެ.
އިޒްރޭލުން ގާޒާގައި ހިންގަމުންދާ ގަތުލްއާންމު ހުއްޓާލުމަށް ގައުމުތަކުން ގޮވާލައި އެކަމަށް މަސައްކަތް ކުރަމުން އައި ނަމަވެސް، މިހާތަނަށް ވެސް އިޒްރޭލާއެކު އެފަދަ އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ. ބައިނަލްއަގުވާމީ ކޯޓުތަކާއި ޖަމިއްޔާތަކުންވެސް އިޒްރޭލުގެ އަނިޔާވެރިކަން ހުއްޓުވަން މަސައްކަތްތަކެއް ކުރި ނަމަވެސް އެކަށޭނަ ނަތީޖާއެއް ނުނިކުމެ އެވެ.












