ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، މ. މުރައިދޫގެއަށް ބަދަލުވެވަޑައިގެންފި އެވެ.
އަބްދުއްރަހީމް ދިރިއުޅުއްވާ ގެކޮޅަށް އެ ގެ ހަމަޖައްސައި، އެ ގެއަށް ބަދަލުވެވަޑައިގެންނެވީ އެތަން މަރާމާތުތަކެއްކޮށް ނިމުމުންނެވެ. އެ މަނިކުފާނު ކުރިން ދިރިއުޅުއްވަމުން ގެންދެވީ، ރެހެންދި ފްލެޓުން ބައްލަވައިގެންނެވި އެޕާޓްމެންޓުގަ އެވެ.
މަޖިލީހުގެ ސީނިއާ މީޑިއާ އޮފިސާ އަހުމަދު މާން އަސްއަދު "އަދަދު" އަށް ވިދާޅުވީ އަބްދުއްރަހީމް މުރައިދޫގެ އަށް ބަދަލުވެވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
އެމްޑީޕީ ވެރިކަމުގެ ފުރަތަމަ ކޮޅު އެ ގެ ހުސްކޮށް ހުރުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުމަށް އެ ގެ ހާއްސަ ކުރެއްވީ، މެއި 6، 2021 ގައި އެ މަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ ގުޅިގެންނެވެ.
ނަޝީދަށް ފަހު 19 ވަނަ މަޖިލީހުގެ ރައީސްއަކަށް އިންތިހާބު ކުރެއްވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމު މުރައިދޫގޭގައި ދިރިނޫޅުއްވަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުރައިދޫގެ ކުއްޔަށް ދީފައި ހުރީ އެ މަނިކުފާނުގެ ބޭފުޅުން ދިރިއުޅުއްވުމަށެވެ. މަޖިލީހުގެ ރައީސް ހުންނަވާ ގެކޮޅެއްގެ ގޮތުގައި މުރައިދޫގެ ހަމަޖެއްސީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސްކަމުގައި ހުންނަވަނިކޮށް، އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހުގަ އެވެ.
އެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241) ކޮމިޓީން ހެދި އިންކުއަރީ އަށް ފަހު ސަރުކާރަށް ދިން ލަފާތަކުގެ ތެރެއިން އެއް ކަމަކީ ދައުލަތުން ފުރިހަމައަށް ބަލަހައްޓާ އިމާރާތެއް، މަޖިލީހުގެ ރައީސް ހުންނެވުމަށް ހަމަޖެއްސުމެވެ.













