ފަލަސްތީނުގެ ބިންތަކުން ފައިބަން ޖެހޭ ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު ލަފަޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުރީފް ކުރައްވައިފި އެވެ.
އައިސީޖޭއިން ނިންމީ އިޒްރޭލުން ވެރިވެގަނެފައިވާ އިރުމަތި ގުދުސް ހިމެނޭ ގޮތަށް ފަލަސްތީނުގެ ބިންތަކުން އިޒްރޭލުން ފައިބަން ޖެހޭ ކަމަށާއި ބިންތަކަށް ވެރިވެފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ، އިޒްރޭލުން ވެރިވެގަނެފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ތިބުމަކީ ބައިނަލްއަގުވާމީ ގަވައިދުތަކާ ހިލާފު ކަމެއްކަން އައިސީޖޭގެ ލަފަޔާ އެކު ހާމަވެ، ފަލަސްތީނު ރައްޔިތުންނަށް އަމިއްލަ ވަޒަނުގައި ތިބުމަށް އެކަމުން އުންމީދުތަކެއް ލިބިގެންދާނެ ކަމަށެވެ.
"އިޒްރޭލުން ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ގޮވައިލަން. ފަލަސްތީނުގެ ބިންތައް ނަހަމަ ގޮތުގައި ބޭނުންކޮށް ހިންގި އަމަލުތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދޭން ޖެހޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ފަލަސްތީނަށް މިނިވަންކަންދީ، އެ ގައުމުގައި މިނިވަން ދައުލަތެއް ގާއިމު ކުރަން ރާއްޖޭން ގޮވައިލާ ގޮވައިލުން ވެސް އެމަނިކުފާނު ތަކުރާރުކުރެއްވި އެވެ. އެއީ ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުން އަންނަ ގޮތެވެ.

ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމުގައި މިހާތަނަށް 38،700 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ކަމާ ނުބެހޭ ކުޑަކުދިންނާއި އަންހެނުންނެވެ.













