މާލެއާއި ރަށްތަކުގެ ހުސްވެފައިވާ ލޯކަލް ކައުންސިލްގެ ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރުމަށް ކުރިއަށްގެންދާ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި އެވެ.
ވޯޓުލުން ކުރިއަށްދަނީ ޅ. އަތޮޅު ކައުންސިލްގެ ރައީސް، ފ. ބިލެތްދޫ ކައުންސިލްގެ ރައީސް، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާ، ރ. ހުޅުދުއްފާރު، މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާ، މައްޗަންގޮޅި މެދު ދާއިރާ އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު، ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު އަދި ޅ. ހިންނަވަރު، ފ. ބިލެތްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރަކު ހޮވުމަށެވެ.
މިއަދުގެ ބައި-އިލެކްޝަންތަކުގައި 10:00 ހަމައަށް ވޯޓުލާފައި ވަނީ އެންމެ 669 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފަސް ޕަސެންޓެވެ.

ލޯކަލް ކައުންސިލް ބައި-އިލެކްޝަންގެ ތެރެއިން: އިންތިހާބަށް އޮތް ތަރުހީބު ވަރަށް ކުޑަ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
އިންތިހާބުގައި ވޯޓުލުމުގެ ހައްގު 13،112 މީހުންނަށް ލިބެ އެވެ. އޭގެ ތެރެއިން 6،703 މީހުންނަކީ ފިރިހެނުންނެވެ. އަދި 6،409 މީހުންނަކީ އަންހެނުންނެވެ.

އިންތިހާބުގެ ވޯޓުލުން ފެށީ ހެނދުނު 08:00 ގަ އެވެ. ވޯޓުލައި ނިންމާލަން ހަމަޖެހިފައި ވަނީ ހަވީރު 4:00 އާ ހަމަ އަށެވެ.
ކައުންސިލްތަކުގެ ގިނަ ގޮނޑިތައް ހުސްވީ އެ ގޮނޑިތަކުގައި ތިބި ކައުންސިލަރުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމާ ގުޅިގެންނެވެ. ހޮވުނު މެންބަރުންގެ ތެރޭގައި ގިނައީ މާލެ ދާއިރާތަކުން މަޖިލީހަށް އިންތިހާބުވި މެންބަރުންނެވެ.












