ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިސްމާއިލް ރައްޔިތުންގެ މަޖިލީހުގައި ބޭކާރު ވާހަކަ ދައްކަވަން ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އޭނާއަށް އިންޒާރެއް ދެއްވައިފި އެވެ.
މަޖިލީހުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބަދުالله މުއްތަލިބުއާ ސުވާލު ކުރުން ކުރިއަށް ގެންދިޔައިރު މެންބަރު އިސްމާއިލްއަށް ލިބިވަޑައިގެންނެވި ފުރުސަތުގައި 45 ސިކުންތުވީއިރު ވެސް ދައްކަމުން ގެންދެވީ ވިލިމާލޭ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ ވާހަކަ އެވެ.
"ވިލިމާލެއޭ ކިޔައިގެން ވާހަކަތަކެއް ދައްކާއިރު ވޯޓަށް ނޫނީއްޔާ އަޅުގަނޑަށް ނުފެނޭ ވިލިމާލެ ރައްޔިތުންނަށް އެއްވެސް ސަރުކާރަކަށް ފެންނަ ކަމަކަށް އިނގޭތޯ،" މެންބަރު އިސްމާއިލް ވިދާޅުވި އެވެ.
މެންބަރު އިސްމާއިލް ވަނީ ބްރިޖުގެ މަސައްކަތަށް ވިލިމާލޭގެ މަގުތައް ބޭނުންކޮށްގެން، އެ މަގުތައް ފުނޑުފުނޑުވެގެންދާތީ ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމަށެވެ.
ނަމަވެސް އެހިސާބުން ވަގުތު ހަމަވެ، މައިކުން އަޑު ކަނޑާލުމުން ވެސް މެންބަރު އިސްމާއިލް ދިޔައީ ވާހަކަ ދައްކަވަމުންނެވެ.

އެއާއެކު، އަބްދުއްރަހީމް ވިދާޅުވީ މެންބަރު އިސްމާއިލް ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ނަސޭހަތްތެރިވެވަޑައައިގަންނަވާ ކަމަށާ ބޭނުން ގޮތަކަށް ފްލޯގައި އަޑުގަދަކުރަން ޖާގަ ނުދޭނެ ކަމަށެވެ.
"އިއްޒަތްތެރި ވަޒީރުންނާ ސުވާލު ކުރުމަށް މަޖިލީހުގެ ތަޅުމަށް ގެނެސް ވަޒީރާ އެ ދުވަހު ކުރެވޭ ސުވާލާ އެއްގޮތަކަށް ވެސް ދިމާނުވާ ހިސާބުން، މަޖިލީހުގެ ފުރުސަތު ނަންގަވައިގެން ބޭނުންހާ ވާހަކައެއް ދައްކަން ރިޔާސަތުން ފުރުސަތު ނުދޭނެ ވާހަކަ މެންބަރުންގެ މައުލޫމާތަށްޓަކައި ދަންނަވަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް އެގޮތަށް ވިދާޅުވުމުން، ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޝާކިރު ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދުއަށް ވާހަކަ ނިންމާލަން ފުރުސަތު ދިނުމަށްފަހު، އެ ފުރުސަތު މެންބަރު އިސްމާއިލްއަށް ނުދިނުމުން އެކަން ފާހަގަކުރައްވާ ކަމަށެވެ.
މައުރޫފްއަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވީ މެންބަރު އިބްރާހިމްއަށް ވާހަކަ ނިންމާލަން ފުރުސަތު ދެއްވީ މައުލޫއާ ގުޅޭ ސުވާލެއް ކުރުމުން ކަމަށާއި ނަމަވެސް މެންބަރު އިސްމާއިލްއަށް ފުރުސަތު ނުދެއްވީ ވާހަކަ ނިމުނުއިރު ވެސް ސުވާލު ސާފުނުވާތީ ކަމަށެވެ.












