ހަރަދުކުޑަކުރުމުގެ ގޮތުން ރައްޔިތުން އާދައިގެ ދިރިއުޅަމަކަށް ބަދަލުވާން ޖެހޭ ކަމަށް ބުނުމުގެ ކުރިން ރައްޔިތުންގެ ފެންވަރަށް ވެރިން ތިރިވާންޖެހޭ ކަމަށް ކުރީގެ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުން އެކުލަވާލި ހައުސިން ކޮމިޓީގެ ޗެއާކަންވެސް ކުރެއްވި އަނީސާ މިހެން ވިދާޅުވީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފަށް ރައްދު ދެއްވަމުންނެވެ.
ވެރިކަންކުރާ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ވެސް އޮންނަ ޕީއެންސީން އެޕާޓީގެ ޖަގަހައިގައި ރޭ ބޭއްވި ޖަލްސާއެއްގައި އަލީ އާރިފް ވިދާޅުވީ މާލީ ދަތިތަކުން އަރައިގަތުމަށް ޓަކައި ރައްޔިތުން އެއްބާރުލުން ބޭނުންވާ ކަމަށާއި އެކަމަށްޓަކައި ގަރުދިޔަ އާއި ބަތް ކައިގެން އާދައިގެން ދިރިއުޅުމަށް ތިރިވެލަންޖެހޭ ކަމަށެވެ.
"މި ދުވަސްކޮޅު މި ޖެހެނީ އެއްކަލަ އަޅުގަނޑުމެން އަބަދު ޓޭކްއަވޭ ހަދައިގެން ކޭކެއުން ހުއްޓާލާފައި، ކޮންމެވެސް ވަރަށް ގޭތެރޭގައި އަމިއްލަ އަށް ގަރުދިޔަ އާއި ބަތާ ކައްކައިގެން ކާލައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަށް ތިރިވެލުން،" އާރިފު ވިދާޅުވި އެވެ.
އެގޮތަށް ވާހަކަދެއްކެވުމުން ގިނަ ބަޔަކު އާރިފަށް ފާޑުކިޔަމުންދާއިރު، ސޯޝަލް މީޑިއާގައި އަނީސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލީ ދަތިތަކާ ކުރިމަތިލުމުގައި ނަމޫނާ ދައްކަން ޖެހޭނީ އެބޭފުޅުން ކަމަށެވެ.

"ތަންކޮޅެއް އާދައިގެ ދިރިއުޅުމެއް އުޅުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެވަޑައިގަތުމުގެ ކުރިން ރައްޔިތުންގެ ފެންވަރަށް ތިޔަބޭފުޅުން ތިރިވެވަޑައިގެން ނަމޫނާ ދައްކަވައިފިނަމަ ރައްޔިތުން ހިތްހަމަޖެހިގެން އެކަން ގަބޫލުކުރާނެ،" އަނީސާ ލިޔުއްވާފައިވެ އެވެ.
ރޭގެ ޖަލްސާގައި އާރިފު ގޮވައިލެއްވީ ހަރަދު ކުޑަކުރުމަށްޓަކައި ރައީސް ޑރ. މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކުންފުނިތަކުގެ ވެރިން މި ވަގުތު ކުރާ މަސައްކަތަށް ކުޑަ ޖާގައެއް ދިނުމަށެވެ. އެކަމަށްޓަކައި ބޭކާރު ހޭދަތައް ބޮޑުތަނުްނުން ކުޑަކޮށްފިނަމަ، ކުރިމަގު އުޖާލާކޮށް ފެންނަން އޮތް ފެނުމަށް މާގިނަ ދުވަހެއް ނުނަގާނެ ކަމަށާއި، އޭރުން ރައްޔިތުން ބޭނުންވާ ކަންކަން ކުރެވިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.
ފައިސާ ޗާޕްކުރުމަކީ ފަސޭހަ ގޮތެއް ކަމަށާއި ނަމަވެސް ރައީސް މުއިއްޒު އެދިވަޑައިގަންނަވަނީ އެކަން ނުކޮށް ހިތި ބޭސް ބޮއެގެން ވިޔަސް މި ދަތިކަމުން އަރައިގަތުމަށް ކަމަށް އަލީ އާރިފު ފާހަގަ ކުރެއްވި އެވެ. އަދި އޭނާ ދައުލަތުގެ މާލީ ހާލަތު ސިފަކުރެއްވީ ގުނަވަނަކަށް ކެންސަރުޖެހިފައިވާ ބަލި މީހެއްގެ މިސާލުގެ ގޮތުގަ އެވެ.













