އިޒްރޭލުން ފަލަސްތީނުގައި ކުރިއަށްގެންދާ ގަތުލުއާންމާ ދެކޮޅު ހެދުމުގެ ގޮތުން، އިޒްރޭލު ޕާސްޕޯޓްގައި ރާއްޖެއަށް މީހުން އެތެރެކުރުން މަނާކުރުމަށްޓަކައި އިމިގްރޭޝަން ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި ބިލު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި "ޕާކްކޮށްފައި" އޮންނަަތާ މިއަދަށް އެއް މަސް ވެއްޖެ އެވެ.
އެ ބިލު ކޮމިޓީގައި އޮންނަތާ މަހެއް ވީ އިރު އެ ކޮމިޓީން އޭގެ ފަހުން މިހައިތަނަށް ހަތަރު ބައްދަލުވުމެއް ބާއްވާފައި ވެ އެވެ. އެހެން ނަމަވެސް އެއިން އެއްވެސް ބައްދަލުވުމަކަށް އެ މައްސަލަ އެޖެންޑާކޮށްފައެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމު ހުށަހެޅުއްވި އެ ބިލު މަޖިލީހަށް ބަލައިގަނެ، 241 ކޮމިޓީއަށް ފޮނުވީ ޖޫން 10 ގަ އެވެ. އެ ދުވަހު ބިލު މަޖިލީހަށް ބަލައިގަތީ އެކަމާ މެދު ގޮތެއް ނިންމަން އެ ދުވަހު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 88 މެންބަރުންގެ އިއްތިފާގުންނެވެ.
ބިލުގެ އިބުތިދާއީ ބަހުސްގައި 241 ކޮމިޓީއަށް މި ބިލު ދިރާސާ ކުރުމަށް ފޮނުވުމަށް ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އެވެ.
އެ ބިލު މީކާއިލް ހުށަހެޅުއްވީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުން ގެންދާ ގަތުލުއާއްމާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގޮތުން އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތް ހެދުމަށް ސަރުކާރަށް ގޮވާލައި 19 ވަނަ މަޖިލީހުން ގަރާރެއް ފާސްކުރުމުން ވެސް އެކަމަށް ސަރުކާރުން އޭރު އިޖާބަ ދީފައި ނުވާތީ އެވެ.

އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކޮށް އިޒްރޭލުގެ އުފެއްދުންތައް ރާއްޖެ ގެނައުން މަނާކުރަން ގޮވާލާ ގަރާރު މަޖިލީހުން ފާސްކުރީ އެޕްރިލް 1، ގަ އެވެ.
އެ ބިލު މަޖިލީހަށް ހުށަހެޅި ފަހުން ވަޒީރުންގެ މަޖިލީހުން ވަނީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް އެ ޕާސްޕޯޓު މަނާކުރުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ފާސްކޮށްފަ އެވެ. ބެލެވޭ ގޮތުގައި ސަރުކާރުން ބޭނުންވާ ބަދަލުތައް ކޮމިޓީ މަރުހަލާގައި މި ބިލަށް ގެންނާނެ އެވެ. ބިލު ފާސްކޮށް ގާނޫނަށް އިސްލާހު ގެނައުމަށް ވޯޓަށް އަހާނީ ކޮމެޓީ މަރުހަލާ ނިމުމުންނެވެ.












