ކޮޕީރައިޓްސް ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހަަޅާފައިވާ ބިލަށް މަޖިލީހުގެ މިއަދުގެ ބަހުސްގައި ޕީއެންސީގެ ބައެއް މެންބަރުންނާއި އެމްޑީއޭގެ މެންބަރު ބޭނުން މައުލޫއަކަށް ވާހަކަ ދެއްކެވި އިރު ނުހުއްޓުވައި، އިދިކޮޅު އެމްޑީޕީގެ މެންބަރު އިބްރާހީމް ނާޒިލް މައުލޫއަށް ވާހަަކަ ދައްކަވަން ރިޔާސަތުން އަންގައިފި އެވެ.
ކޮޕީ ރައިޓްސް ގާނޫނަށް ބަދަލުގެންނަ ބިލަށް ބަހުސްކުރަން ފެށުމުގެ ކުރިން މިއަދުގެ ޖަލްސާގައި ފުރަތަމަ އޮތީ ހިތަދޫ ދެކުުނު ދާއިރާގެ މެންބަރު ނާޒިލު ހުށަހެޅުއްވި ކުއްލި މައްސަލަ އެކެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ފެނޭތޯ ނެގި ވޯޓުގައި އެގޮތަށް ފާހެއްނުވި އެވެ.
އެއަށް ފަހު ކޮޕީރައިޓްސް ގާނޫނަށް ބަދަލުގެންނަ ބިލަށް ކުރި ބަހުސްގައި ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު އެ މައުލޫއުގެ އިތުރުން ނާޒިލު ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވި ވާހަކަތަކަށް ވެސް ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ ވާދަވެރި ފަރާތްތަކުން އެއްވެސް ބަލައިލުމެއް ނެތި މަޖިލީހުގެ ވަގުތު ބޭކާރުކުރަން ކުއްލި މައްސަލަތައް ހުށހަަޅާ ކަަމަށެވެ.
އޭގެ ފަހުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވެސް ހަމަ އެމޭރުމުން ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވީ ރާއްޖޭން ބޭރުގައި ތިބި ކިޔަވާ ކުދިންނަށް ފައިސާ ނުފޮނުވާ ކަމަށް ކުއްލި މައްސަލާގައި ނާޒިލު ވިދާޅުވި އިރު މިދިޔަ ބުރާސްފަތި ދުވަހު ވެސް 12 މިލިޔަން ރުފިޔާއަށް ވާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.
"މި ނުކުރެވި ހުރީ [ފައިސާ ޖަމާނުކުރެވި ހުރީ] ކީއްވެތޯ؟ ކޭ ހުރިހާ ލާރިއެއް ކާލައިގެން ނައްޓާލީ،" ރިފާއު ވިދާޅުވި އެވެ.

ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވެސް ނާޒިލުގެ ކުއްލި މައްސަލައަށް ރައްދު ދެއްވައި ދިގުކޮށް ވާހަކަ ދެއްކެވި އެވެ.
"ސަރުކާރުން މިކުރާ މަސައްކަތްތައް ހުއްޓުވައި ލަސްކުރުމަށް، އަަޅުގަނޑަކަށް ނޭނގޭ ކޮން ސަބަބުތަކަކާ ހެދި ކަމެއް، އެމްޑީޕީ މެންބަރުން، މި މަޖިލީީހުގެ މަސައްކަތްތައް ހުއްޓުވަން ކުއްލި މައްސަލަތައް އިރުއިރުކޮޅާ ހުށަހަޅަމުން މިދަނީކީ،" އޭނާ ވިދާޅުވި އެވެ.
މަޖިލީހަށް ފަސޭހައިން ކުއްލި މައްސަލަ ހުށަނޭޅޭ ގޮތް ހަދަން މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް ގޮވައިލެއްވީ ވެސް ކޮޕީރައިޓްސް ގާނޫނަށް ބަދަލުގެންނަ ބިލުގެ ބަހުސްގަ އެވެ.
"އިއްޒަތްތެރި ރައީސް، އަޅުގަނޑުވެސް ހަމަ އެދެން މިފަދަ ބޭކާރު ބިލްތައް ނުވަތަ ކުއްލި މައްސަލަތައް ނުވަންނަ ގޮތަކަށް އަޅުގަނޑުމެންގެ ކަންކަން މިހާރު އެބަ ފަރުމާކުރަން ޖެހޭ،" ނާޒިލު ހުށަހެޅުއްވި މައްސަލައަކީ ބޭކާރު މައްސަލައެއް ކަމަަށް ސިފަކުރައްވަމުން މުސްތަފާ ވިދާޅުވި އެވެ.
އެ ބިލުގެ ބަހުސްގައި އެންމެ ގިނަ މައުލޫއުތަކަށް ވާހަކަ ދެއްކެވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާހެވެ. މަސްވެރިކަމާއި ދަނޑުވެރިކަމަށް ދޫކުރާ ލޯނުތައް ނަގާ މީހުން ހެޔޮގޮތުގައި އެ ފައިސާ ބޭނުންކުރަން ޖެހޭ ވާހަކަ އާއި ފިލްމު އިންޑަސްޓްރީ ފަހަތަށް ގޮސްފައިވާ ވާހަކަ ވެސް އޭނާ ދެއްކެވި އެވެ.
"އަަޅުގަނޑަށް ފިލްމު އިންޑަސްޓްރީއާ ބެހޭ ގޮތުން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގެ ފިލްމު އިންޑަސްޓްރީގެ ފިލްމީ ތަރިންގެ އަހުލާގީ މިންގަނޑު ވެސް އެބަ ޖެހޭ ވަރަށް ބޮޑަށް ރަނގަޅުކުރަން، ދުނިޔޭގެ ތަންތަނުގައި މިއުޒީޝަނުންނަކީ، އެކްޓަރުންނަކީ އެކްޓްރެސްސުންނަކީ ވަރަށް ރައްޔިތުންގެ އިހުތިރާމާ ލޯބި ލިބި، ހަމަ ސެލެބްރިޓީއެއްގެ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި އުޅޭނީ،" އައްބާސް ވިދާޅުވި އެވެ.
އައްބާސް އަށް ފަހުގައި އެ ބިލުގެ ބަހުސްގައި އެމްޑީޕީގެ މެންބަރު ނާޒިލަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އޭނާ ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ހަގީގަތުގައި އެ ބިލުގެ ބަހުސް އެކަނި ކަމަށެވެ. އެކަން އެހެން އޮތް އިރު އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައަކީ މަޖިލީހުގެ މަސައްކަތަށް ހުރަސް އަޅަން ކުރެއްވި ކަމެއް ކަމަށް ޕީއެންސީ މެންބަރުން ވިދާޅުވާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އެެއާއެކު އޭނާ ކުރިން ހުށަހެޅުއްވި ކުއްލި މައްސަލާގައި ހުރި ވާހަކަތައް ތަކުރާރު ކުރެއްވި އެވެ. އެއީ ނިޒާމާ ބެހޭ މައްސަލައެެއް ކަމަށް ވިދާޅުވެ، އެކަން ރިޔާސަތަށް ފާހަގަކޮށްދެއްވީ ވެލިދޫ ދާއިރާގެ މެންބަރު އައްބާހެވެ.
"ޝުކުރިއްޔާ އިއްޒަތްތެރި މެންބަރު، އިއްޒަތްތެރި މެންބަރު ނެންގެވީ ނިޒާމީ މައްސަލައެއް ކަމަށް ބަލައިގަންނަން، އެއީ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަންވާނީ ކުރިމަތީގައި އޮންނަ ބިލަށް،" އައްބާސްގެ ނުކުތާ ގަބޫލުކުރައްވައި ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އެއަށް ފަހު ވާހަކަ ކުރިއަށް ގެންދަވަމުން ނާޒިލު ވިދާޅުވީ ކޮޕީރައިޓްސް ބިލަށް ބަހުސްކުރަމުން އަންނަ އިރު މިއަދުގެ ޖަލްސާގައި ދަނޑުވެރިކަމާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކި ކަމަށެވެ.
"ކައްޓަލައާ ދަނޑިއަލުވިއާ އެއްޗިހީގެ ވާހަކަ އަޅުގަނޑުމެން މިދައްކަނީ، އިއްޒަތްތެރި ރައީސް އެވެސް ކޮޕީރައިޓްސް،" އޭނާ ވިދާޅުވި އެވެ.













