މޯލްޑިވިއަންގެ އެއާބަސް A320 މަރުގެ މަތިންދާބޯޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް މިއަދު މެންދުރު އަނބުރާ ރާއްޖެ ގެނެސްފި އެވެ.
އެ ބޯޓަށް މައްސަލަ ދިމާވީ މިދިޔަ ޖޫން 25، ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން އިންޑިއާއަށް ދަނިކޮށެވެ. އެއާއެކު، ފްލައިޓު ވަނީ އަނބުރާ ވީއައިއޭއަށް ޖައްސާފަ އެވެ.
މޯލްޑިވިއަންއިން ބުނީ އެ ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލު ކުރަން މެލޭޝިއާއަށް ގެންދިޔުމުން، އެ ގައުމުގެ ސެޕަން އެއާކްރާފްޓް އިންޖިނިއަރިންއިން މެއިންޓަނަންސް ކުރިއަށް ގެންގޮސް މައްސަލަ ހައްލުކޮށްދީފައިވާ ކަމަށެވެ.
އެ ބޯޓަށް ދިމާވި މައްސަލަ ހައްލު ނުކުރެވި ދިގުލައިގެން ދިޔުމުން، އިއްޔެ ބަންގަލަދޭޝްގެ ޑާކާއަށް ކުރުމަށް ހަމަޖެހިފައި އޮތް ދަތުރު ކެންސަލް ކުރަން ޖެހުނެވެ.
ނަމަވެސް މިރޭ 21:00 ޖަހާއިރު ރާއްޖެއިން ޑާކާއަށް މޯލްޑިވިއަންގެ އެ ބޯޓުން ދަތުރުކުރާނެ ކަމަށް މޯލްޑިވިއަންއިން ބުނެ އެވެ.

މީގެއިތުރުން އިންޓަނޭޝަނަލް ދަތުރުތައް ކުރިއެކޭ އެއްގޮތަށް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މޯލްޑިވިއަންގެ ބޯޓަށް ދިމާވި މައްސަލައާ ގުޅިގެން، އިންޑިއާގެ ޓްރިވެންޑްރަމް، ބެންގަލޫރު އަދި ކޮޗިންއަށް ކުރުމަށް ހަމަޖެހިފައި އޮތް ދަތުރު ކެންސަލްވެ، އެ ތަންތަނުގައި ފަސިންޖަރުން ތާށިވި އެވެ.
ނަމަވެސް މޯލްޑިވިއަންއިން ވަނީ އެތަންތަނުގައި ތާށިވި މީހުންނަށް ހުރުމާއި ކެއުން ހަމަޖެއްސުމުގެ އިތުރުން، އެހެން ފްލައިޓުތަކުން ޖާގަ ހޯދައިދީފަ އެވެ.











