ރައީސް އޮފީހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ އޮފީހުގެ މިނިސްޓަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އަރިސް މީހުންގެ ތެރޭގައި ހިމެނޭ އާދަމް ރަޒީމު މިނިސްޓަރުކަމުން ސަސްޕެންޑްކޮށްފި އެވެ.
އޭނާ ސަސްޕެންޑްކުރި ކަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ކަށަވަރުކޮށްދެއްވި ނަމަވެސް ބަލަމުންދާ މައްސަލަ ހާމަ ނުކުރައްވަ އެވެ.
އެހެން ނަމަވެސް، ރަމީޒު ސަސްޕެންޑްކޮށްފައި މިވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަދި އެންވަޔަރަމަންޓްގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް، ރައީސް މުއިއްޒާ "ގާތްވުމަށް" ސިހުރު ހެދިކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަކުރެވެ އެވެ.
މި މައްސަލައާ ގުޅޭ މާ ބައިވަރު ތަފުސީލެއް ރަސްމީ އިދާރާތަކުން ހާމަނުކުރި ނަމަވެސް ޝަމްނާޒާއި އިތުރު ދެ މީހަކު މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ކަން ފުލުހުން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފަ އެވެ.
ޝަމްނާޒް ނޫން މީހުންގެ ވަނަވަރު ފުލުހުން ހާމަނުކުރި ނަމަވެސް އެ މައްސަލައިގައި ދެން ހައްޔަރުގައި ތިބީ ޝަމްނާޒުގެ ކޮއްކޮ އާއި އިތުރު މީހެއް ކަން "އަދަދު" އަށް ވަނީ ޔަގީންކުރެވިފަ އެވެ.

ރަމީޒުގެ އިތުރުން ޝަމްނާޒް ވެސް ސަސްޕެންޑްކޮށްފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ. އޭނާ ސަސްޕެންޝަނެއްގައި ހުރި ކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް އެންވަޔަރަމަންޓް މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ، އޭނާއަކީ ކުރިން އެ މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުރި މީހެއް ކަމަށެވެ. އެހެންކަމުން އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށް ބެލެވެ އެވެ.
ރައީސް މުއިއްޒު އެންމެ ފުރަތަމަ ވެރިކަމަށް ވަޑައިގެންނެވިއިރު ރަމީޒު ފަދައިން ޝަމްނާޒް ވެސް ފުރަތަމަ އައްޔަންކުރީ ރައީސް އޮފީހުގެ ރަސްމީގޭގެ މިނިސްޓަރަކަށެވެ. އެކަމަކު ވެރިކަމަށް މާ ގިނަ ދުވަސްތަކެއް ނުވަނީސް އޭނާ ވަނީ އެންވަޔަރަމަންޓް މިނިސްޓްރީއަށް ބަދަލުކޮށްފަ އެވެ. އޭރު ރައީސް އޮފީހުން ބުނީ އޭނާގެ މަގާމު ބަދަލުކުރީ އަމިއްލައަށް އެދިގެން ކަމަށެވެ.
ސިހުރު ހެދި މައްސަލައިގައި ޝަމްނާޒް ކޯޓަށް ހާޒިރުކުރުމުން އޭނާ ހަތް ދުވަސް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ޝަމްނާޒް ހައްޔަރުކުރުމުގެ ކުރިން، އޭނާއާދަމް ރަމީޒު ދިރިއުޅެމުންދިޔަ ގެ ފުލުހުން ވަނީ ބަލައި ފާސްކޮށް، ފުލުހުން އެ ގެއިން ބައެއް ސާމާނު ގެންގޮސްފައިވާ ކަމަށް 'އަދަދު' ނޫހަށް ކަށަވަރުވެފައި ވެ އެވެ.
ރަމީޒު ސަސްޕެންޑުކުރި އިރު، އޭނާ "އެކަހެރި" ކޮށްފައިވާކަމުގެ އަޑު ގަދަ އެވެ. ކުރިން ރައީސް މުއިއްޒުއާ ވަރަށް ގާތްކޮށް ކުރެއްވި ނަމަވެސް، ރައީސްއާ އެއްކޮށް އެއްވެސް ތަނަކުން ނުފެންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.













