މާފަންނު މަދަރުސާގެ ބިތްދޮށުން، ކަނބާއައިސާ ރަނި ހިނގުމުން ބޮޑުތަކުރުފާނު މަގަށް ނުކުމެވެން އޮންނަ ހަނި ގޯޅިއަށް "ފަލަސްތީނު ހިނގުން" ކިޔަން މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.
މިއަދު ކުރިއަށްދިޔަ މާލެ ސިޓީ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާގައި އެ ގޯޅިއަށް ފަލަސްތީނު ހިނގުން ކިޔަން ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.
މާލޭގެ މަގަކަށް ފަލަސްތީނުގެ ނަމުން ނަން ދިނުމަށް ކައުންސިލަށް ހުށަހެޅުއްވީ މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް އެވެ. އެ ހުށަހެޅުން ހުށަހެޅުމުން މާލެ ސިޓީ ކައުންސިލުގެ އެންމެ މެންބަރަކު ފިޔަވައި ހުރިހާ މެންބަރުން ވެސް އެކަމަށް ތާއީދު ކުރެއްވި އެވެ.
މާލޭގެ މަގަކަށް ފަލަސްތީނު ހިނގުން ކިޔައިފި ނަމަ ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުން ވާނެ ކަމަށް ވިދާޅުވެ އެކަމާ ދެކޮޅު ހެއްދެވީ ޕީޕީއެމް އަށް ނިސްބަތްވާ މައްޗަންގޮޅީ އުތުރު ދާއިރާގެ ކައުންސިލަރު ސައީދާ ރަޝާދު އެވެ.
މާލޭގެ މަގަކަށް ފަލަސްތީނުގެ ނަމުން ނަން ދިނުމަށް ކައުންސިލަށް ހުށަހެޅީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ރާއްޖޭގެ ރައްޔިތުން އަބަދު ވެސް ތިބޭނެކަން ހާމަ ކުރުމުގެ އިތުރުން ފަލަސްތީނުގެ ބިމަކީ ދިވެހީންގެ ހިތްތަކުގައި ހާއްސަ ޖާގައެއް ދެވިފައިވާ ބިމަކަށް ވާތީ އެވެ.

ފަލަސްތީނު ހިނގުމުގެ ނަމުން ނަން ދިން ގޯޅިއަކީ ދުވާރު ހެދުމާއި އެހެނިހެން މަސައްކަތްތައް މިހާރު ކުރަމުންދާ ގޯޅި އެކެވެ. އެ ގޯޅީގެ މަސައްކަތްތައް ނިމުމުން ފަލަސްތީނު ހިނގުމުގެ ނަމުގައި ހުޅުވާލީ އެކަމަށް ހާއްސަކޮށް ބާއްވާ ރަސްމިއްޔާތެއްގަ އެވެ.












