ރާއްޖެއިން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަނިތައް ނުދެއްކޭނެ ކަމަށް ބަލައި އެމެރިކާގެ ކްރެޑިޓް ރޭޓިން އޭޖެންސީ, ފިޗުގެ ރާއްޖޭގެ ރޭޓިން މިއަހަރު "ސީސީސީ ޕްލަސް" އަށް ދަށްކުރި ނަމަވެސް ސަރުކާރުން އަޅަން ނިންމާފައިވާ މާލީ އިސްލާހީ ފިޔަވަޅުތަކާއެކު ރޭޓިން ރިވިއު ކުރުމުގެ ފުރުސަތު އޮތް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފާއިތުވި ދެ އަހަރު ރާއްޖޭގެ ރޭޓިންއެއްގެ ގޮތުގައި ފިޗުން ކަނޑައެޅީ "ބީ ނެގެޓިވް" އެވެ. މިއަހު ރޭޓިންއާއެކު ރާއްޖެއަކީ ބަނގުރޫޓުވުމުގެ ފުރުސަތު ބޮޑު ގައުމެެއްގެ ގޮތުގައި ފިޗުން ވަނީ ފާހަގަކޮށްފަ އެވެ.
އެކަމާ ގުޅިގެން ރޭ 11 ޖެހިއިރު ނެރުނު ބަޔާނެއްގައި ސަރުކާރުން ބުނީ ރޭޓިން ދަށްކުރީ ސަރުކާރަށް ބޭރުން ފައިސާ ނުލިބުމާއި ބޭނުންކުރަން އަތުގައި ފައިސާ ނެތުމުން ކަމަށެވެ.
އެ ކަންކަމާ ގުޅިގެން ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީ ސަރުކާރުގެ ހަރަދުތައް ކުޑަކޮށް މެދު ރާސްތާގައި ދަރަނި ދެއްކުމަށާއި މާލީ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށް އާމްދަނީ އިތުރުވާނެ ފިޔަވަޅުތަކެއް ކަމަށް ސަރުކާރުން ބުނެ އެވެ.
އެ ކަންކަމުގެ އިތުރުން އިގުތިސޯދު ސިންދަފާތު ކުރުމަށް ހިންގާ މަސައްކަތްތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މާލީ ހާލަތު ރަނގަޅުވެ ރާއްޖޭގެ ރޭޓިން އަލުން ރިވިއުކުރުމުގެ ފުރުސަތު އޮތް ކަމަށް ވެސް ފިނޭންސުން ބުނެ އެވެ. ރާއްޖޭން ދައްކަން ޖެހޭ ދަރަނި ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.

ރޭޓިން ދަށްކުރި މައިގަނޑު ސަބަބެއްގެ ގޮތުގައި ފިޗުން ފާހަގަކުރީ ރާއްޖޭގެ ދައުލަތުގެ ދަރަނި ބޮޑުވަމުން ދިޔުމާއި ބޭރުން ފައިނޭންސް ކުރުމަށް އޮތް ދަތިތަކާ ގުޅިގެންނެވެ.
ކުރިއަށް އޮތް އަހަރުގައި ވެސް ރާއްޖޭގެ ފޮރިން ރިޒާވަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމަށް ފިޗުން ބުނެ އެވެ. އެގޮތުން, މިދިޔަ އަހަރުގެ މެއި މަހު 748 މިލިއަން ޑޮލަރު ހުރި ރިޒާވެއް މިއަހަރު 492 މިލިއަން ޑޮލަރަށް ދަށްވެފައިވާކަން ފިޗުން ފާހަގަކުރެ އެވެ.
މިއަހަރު ސޮވްރިން ދަރަނީގެ ގޮތުގައި 233 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި އަދި ގެރެންޓީ ދީފައިވާ 176 މިލިއަން ޑޮލަރު ވެސް ދައްކަން ޖެހޭ ކަމަށް ފިޗުން ނެރުނު ރޭޓިން ކޮމެންޓްރީގައި ބުނެފައިވެ އެވެ. އެ އަދަދު 2025 ގައި 557 މިލިއަން ޑޮލަރު އަދި 2026 ގައި އެއް ބިލިއަން ޑޮލަރަށް އަރާނެ އެވެ. އޭގެ ތެރޭގައި ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކެއް ވެސް ހިމެނެ އެވެ.












