އިންޑިއާގެ ކޮޗިން އިން ރާއްޖެ އައުމަށް މިއަދު ހެނދުނު ފުރަން ހަމަޖެހިފައިވާ ބައެއް މީހުންނަށް ފުރޭނެ ވަގުތެއް ނޭނގި އެއާޕޯޓުގައި ތާށިވެއްޖެ އެވެ.
ކޮޗިން އެއާޕޯޓުގައި މި ވަގުތު ތިބި ބައެއް ދިވެހިން "އަދަދު" ނޫހަށް މައުލޫމާތު ދިން ގޮތުގައި އެ މީހުން އެއާޕޯޓުގައި ތާށިވީ ކުޑަ ބޯޓެއް މިއަދު ފޮނުވުމުން އޭގައި އެންމެނަށް ފުރޭ ގޮތް ނުވެގެންނެވެ. ކުޑަ ބޯޓެއް ކޮޗިންނަށް ފޮނުވީ މޯލްޑިވިއަންގެ އެއާބަސް އޭ-320 ބޯޓަށް ރޭ ދިމާވި ޓެކްނިކަލް މައްސަލައިގެ ސަބަބުން ކަމަށްވެ އެވެ.
"އެހެންވެ، މިއަދު ފުރަން ހަމަޖެހިފައިވާ މީހުން ދެ ބޯޓަކަށް ބަހައިލީ ކަމަށް މިތަނުގައި [ކޮޗިން އެއާޕޯޓު] ގައި ހުރި އިންޑިއާ މީހަކު ބުނި. މިތަނުގައި މޯލްޑިވިއަންގެ ފަރާތުން ދިވެއްސަކު ވެސް ހުރޭ. ނަމަވެސް ދިމާވެގެން އުޅޭ މައްސަލައާ ގުޅޭ ގޮތުން އޭނާ އައިސް ވާހަކައެއް ނުދައްކާ،" ކޮޗިން އެއާޕޯޓުގައި ފުރަން ގޮސް ހުރި ދިވެއްސަކު ބުންޏެވެ.

މިއަދު ހެނދުނު 8:30 ގައި މޯލްޑިވިއަންގެ ފްލައިޓަކުން އެއް ބަޔަކު ފުރާއިރު، ބާކީ ތިބި ގާތްގަނޑަކަށް 50 މީހުންނަށް ފުރޭނެ ވަގުތެއް ކަށަވަރުކޮށް ނޭނގޭ ކަމަށް އަދަދު ނޫހާ ވާހަކަ ދެއްކި މީހުން ބުންޏެވެ.

"ބައެއް މީހުން ގާތުގައި ބުނި 10:30 ގައި އިންޑިގޯއިން ފުރޭނެ ކަމަށް. އެހެންވެސް ބުނީ އެއާޕޯޓަށް އައި ފަހުން. މުސްކުޅި މަންމަ ގޮވައިގެން އަހަރެން މިތަނަށް އައިސްފިން ފަތިހު 5:30 ގައި. އައި ފަހުން ބުނީ އިންޑިގޯއިންނޭ ޖާގަ އޮތީ. އެއީ މިއަދު 10:30 ކަމެއް، މިރޭ 10:30 ކަމެއް ވެސް ނުބުނޭ،" އަދަދު ނޫހާ ވާހަކަ ދެއްކި މީހާ ބުންނެވެ.
ފުރަން ގޮސް ތިބި ބައެއް މީހުންނަށް މިއަދު މާލެ ނުދެވޭނެ ކަމަށް މިހާރު އަންގާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
އަދަދު ނޫހާ ވާހަކަ ދެއްކި އެހެން މީހަކު ބުނީ މަތިންދާ ބޯޓަށް މައްސަލަ ދިމާވިކަން އެނގޭއިރު، މިއަދު ފުރުން ލަސްވާނެކަން ނުވަތަ ނުފުރޭނެކަން ދުރާލައި އަންގަންޖެހޭނެ ކަމަށެވެ.
"މިތަނަށް [ކޮޗިންނަށް] މި އަންނަނީ ބޭސްފަރުވާ އަށް. އަހަރެން ވެސް އަންހެނުން ގޮވައިގެން އެއާޕޯޓުގައި ފަތިހުން ފެށިގެން މި ހުންނަނީ. އަދި ނޭނގެ ވާނުވާއެއް. ބައެއް މީހުން ގާތުގައި އިންޑިގޯއިން ދެވޭނެ ކަމަށް ބުނެފި. އަހަރެމެންނަށް އެއްވެސް ވާހަކައެއް ނާންގައި،" އޭނާ ބުންޏެވެ.
މިކަމާ ގުޅިގެން މޯލްޑިވިއަންއިން ބަހެއް އަދި ނުލިބެ އެވެ.












