މާލޭގައި ވަގުންގެ ބޮޑު ނެޓްވޯކެއް އޮތް ކަމަށް "އަދަދު"ން ރިޕޯޓްކުރުމުން، އެއީ "މީގެ 10 މަސް ދުވަސް ކުރިން ގިނަ އަދަދެއްގެ ކުށްވެރިން ދޫކޮށްލުމުން" ވީ ގޮތެއް ކަމަށް ވިދާޅުވެ، ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އެކަން ކުރީގެ ސަރުކާރާ ގުޅުވައިލެއްވުމުން މީހުންގެ ފާޑުކިއުން ފުލުހުންނަށް އަމާޒުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
"މާލޭގައި ވަގުންގެ ބޮޑު ނެޓްވޯކެއް، ހުއްޓުވޭނެ ގޮތެއް ނެތް!" މި ސުރުހީގެ ދަށުން "އަދަދު" ގައިި ޖެހި ރިޕޯޓް ސޯޝަލް މީޑިއާ އެކްސްގައި ހިއްސާކުރައްވަމުން ޝިފާން ވިދާޅުވީ އެއީ "ހިތި ހަގީގަތް" ކަމަށް ފުލުހުން ގަބޫލު ކުރާ ކަމަށެވެ.
އެހެން މެދުވެރިވި ސަބަބެއްގެ ގޮތުގައި ޝިފާން ވިދާޅުވީ މީގެ 10 މަސް ކުރިން ޖަލުން ދޫކޮށްލި 454 އެއްހާ މީހުން މުޖުތަމައަށް ދޫވެފައި ތިބުމެވެ.
"434 މީހުންގެ ބޮޑު [ކުށްވެރިންގެ] އާބާދީއެއް، މީގެ 10 މަސް ދުވަހުގެ ކުރިން އެމްސީއެސް އިން ދޫކޮށްލުމާއި، ޒަމާނާ އެކީގައި އުމްރާނީ ތަރައްގީގެ ބިނާތަކެއް ނުލިބުމުގެ ސަބަބުން، އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑު [ކުށުގެ] ކާރިސާއެއްގައި،" ޝިފާން ލިޔުއްވާފައިވެ އެވެ.
ޝިފާންގެ އެ ޕޯސްޓަށް އެކްސްގައި ޖަވާބުދިން ބައެއް މީހުން ބުނީ އެއީ "މާނައެއް ނެތް ބަހަނާއެއް" ކަމަށެެވެ. ބަހަނާއެއްގެ ގޮތުގައި "ކުރީ ސަރުކާރު" ގެ ވާހަކަ ދައްކާނީ ކިހާ ދުވަހެއް ވަންދެންތޯ ވެސް ބައެއް މީހުން ސުވާލުކުރި އެވެ.














