ދިގު ވާހަކަ: ނިމުތު

ދިގު ވާހަކަ: ނިމުތު

ތިން ވަނަ ބައި

އަހަރެން ބޭނުންވީ އެ ފަނަރަ މިނެޓު ވެސް ފައިދާ ހުރި ކަމެއް ކުރާށެވެ. އެ ވާހަކަ ބުނީމެވެ. އޭނާ ލަފާދިނީ ޤުރުއާން ކިޔެވުމަށެވެ. އަހަރެން ހީކުރި ގޮތާ ޚިލާފަށް މިއީ ފުރިހަމަ ގައިދުޚާނާއެކެވެ. ލަފަޔާއި އިރުޝާދުގެ މަރުކަޒެކެވެ. ކުރާންވީ ކަންކަމާއި އުޅޭންވީ ގޮތް އަންގައިދޭ މަންޒިލެކެވެ. މިގޮތަށް ހަރުކަށި އަދަބުދީ ތަންފީޒުކުރާނަމަ މިތަނުން ނިކުމެވޭނީ ލަފާ އިންސާނެކެވެ.

ދިހަ މިނެޓުވަންދެން އަހަރެން ޤުރުއާން ކިޔެވީމެވެ. އިވެމުންދިޔަ އާޔަތްތަކުގެ އަޑުދަށުންނެވެ. ޤުރުއާނުގެ އާޔަތްތައް ކިޔެވުމަށްފަހު އޭގެ މާނަ ދިވެހިބަހުން އިއްވަމުން ދިޔައެވެ. މީހާގެ ނަފުސަށް ދިރުން ލިބެމުންދިޔައެވެ. ނޭނގޭ ފަރާތަކުން ހިތަށް ވިސްނައިދެމުން ދިޔަ ކަހަލައެވެ. އަމުރަށް ކިޔަވަންވުމާއި އިޚްލާސްތެރިކަމާއެކު އެކަލާނގެއަށް ޒިކުރުކުރުމުން ލިބޭނެ ފައިދާތައް އަހަންނަށް ވިސްނޭ ގޮތަށް، އަސަރުގަދަ ރާގެއްގައެވެ.

މޭނާ ބުނީ ތެދެކެވެ. ބަރާބަރު އެގާރަގަޑި ތިރީސްވީއިރަށް ޤުރުއާން ކިޔެވުމުން ނިމުނެވެ. އަހަންނަށް އަތްފައި ގުޑުވާލެވުނެވެ. ހަރަކާތްކުރެވޭ ގޮތްވިއެވެ. ކޮޅަށް ތެދުވެވުނެވެ. އިށީނދެވުނެވެ. އިނގިލިތައް ވަކިވަކިން ގުޑުވާލެވުނެވެ. ބޮލުގައިވާ ބަރުހެކިކަން ކެހެމުން ދިޔައެވެ. އާއްމު ހާލަތަށް އަހަރެން ބަދަލުވަމުންދިޔަ ކަމުގެ އިހުސާސް ކުރެވުނެވެ.

"ކުނާ ވިޔާނެ ސާމާނު؟" އަހަންނަށް ބުނެލެވުނެވެ.

"ސައިޒު؟" މޭނާ ބުނެލިއެވެ.

އަހަރެން ބަލައިލެވުނީ ފާރުން ހުޅުވުނު ޖާގަ އަށެވެ.

"މިއީ ސުފުރާގައި ބޭނުންކުރާން އެންމެ ރަނގަޅު ސައިޒު. މިއިން ކުނަލެއްގެ އަގަކީ ތިން ސަތޭކަ ރުފިޔާ."

ފާރުން ހުޅުވުނު ގޮޅިން ކޮތަޅެއް ނިކުތެވެ. ކޮތަޅު ހުޅުވާލީމެވެ. އޭގައި ހުރި ތަކެތި ނެގީމެވެ. ކޮންމެ އެއްޗެއް ނަގާއިރަށް އޭގެ ބޭނުމާއި ބޭނުންކުރާނެ ގޮތް ކިޔައިދެއެވެ. ކުނާވިޔުމުގެ މަސައްކަތް އަހަރެން ފެށީމެވެ. މޭނާގެ ލަފަޔާއި އިރުޝާދު ކެނޑިނޭޅި ލިބެމުން ދިޔައެވެ. ފަހަރަކު ހަރަކާތެއް ނިންމުމަށްފަހު މޭނާއަށް ދައްކަމުން ދިޔައީމެވެ. ތިރީހަކަށް މިނެޓުވީއިރު ވިޔާންފެށި ކުނަލުގެ ދެބައިކުޅަ އެއްބައި ވިޔެ ނިމުނެވެ.

ބަރާބަރު ގަޑިއެއްގެ ތެރޭގައި ކުނާ ވިޔެ ނިންމައިލުމަށްފަހު މޭނާއަށް ދައްކާލީމެވެ. ދެން ކަން ކުރާންވީ ގޮތް ވެސް ކިޔައިދިނެވެ. އެއާއެކު އަހަރެންގެ ނަމުގައިވާ އެކައުންޓަށް ފައިސާ ޖަމާވިކަން އިޢުލާނުވެ އެ މަންޒަރު ސްކުރީނުން ދައްކާލިއެވެ. ލިބުނީ އާ ހިތްވަރެކެވެ. އަތްމަތި ހަލިވެ ވިޔެވޭ ކުނާތައް ރީތިވެ، ޖަމާކުރެވޭ ފައިސާގެ އަދަދު ގުނަވަމުން ދިޔައެވެ. ކުނާ އެކަންޏެއް ނޫނެވެ. ވޫލުގެ މަސައްކަތް ކުރުމަށް ވެސް ޝައުޤުވެރިވެ އެ މަސައްކަތް ވެސް ދަސްކުރީމެވެ. އެގޮތުގައި ހަތް ދުވަސް ނިމިގެން ދިޔައެވެ.

ކުއްލިއަކަށް އެހެން ކަމެއް ހަނދާންވިއެވެ. ހަފުތާއެއް ފާއިތުވެ ދިޔައިރު ދަރިންނާއި ސާރާގެ ޚަބަރެއް ނުވީ ކީއްވެ ހެއްޔެވެ؟ އަހަރެން ހޯދަން މަސައްކަތް ނުކުރީ ކީއްވެ ހެއްޔެވެ؟ އަހަރެން ހުރީ ޖަލުގައިކަން އެމީހުންނަށް ނޭނގެނީ ހެއްޔެވެ؟

"ހައްޔަރުކުރި ދުވަހު އެކަން ބަލަދުވެރީންނަށް ވަނީ ލިޔުމުން އަންގައިފަ." ހިތަށްވެރިވި ސުވާލުގެ ޖަވާބު އިވުނީ ސްކުރީނުންނެވެ.

އެމީހުން އަހަރެން ސަލާމަތްކުރާން މަސައްކަތް ނުކުރަނީ ކީއްވެ ހެއްޔެވެ؟ ދަރިފުޅަކީ ވަކީލަކަށްވީއިރު ބައްޕަގެ ދިފާޢުގައި އޭނާ ނުތެދުވަނީ ކީއްވެ ހެއްޔެވެ؟ މި ހުރަގެއިން ނެރެން ނޫޅެނީ ކީއްވެ ހެއްޔެވެ؟ އެމީހުން އަހަރެން ދެކެ ލޯބި ނުވަނީ ހެއްޔެވެ؟ އަހަންނާ މެދު ނުވިސްނަނީ ހެއްޔެވެ؟ އަތްފައި ކޮށިގެން ޤުރުބާންވެ ދަރިއަކު ބަލައި ބޮޑު ކުރި ހާލު އެނގޭނީ ޚުދު އަހަންނަށެވެ. ގަހުވައެއް ނުބޮވި ހޫނުފެން ފޮދަކުން އަރަށް ހަމަޖެހުން ހޯދިގޮތް މީހަކަށް ނޭނގޭނެއެވެ.

ދެވަނަ ސިކުންތުގައި ޚިޔާލު ކަފިކަފިވިއެވެ. އެމީހުންނަށް ކޮންމެ ވެސް ބޮޑު ކަމެއް ދިމާވީއެވެ. ކޮންމެ ވެސް މަޖުބޫރެއް މެދުވެރިވީއެވެ. އަހަންނަށް ޓަކައި އެމީހުން ކޮންމެ ފަދަ ޤުރުބާނެއް ވެސް ވާނެއެވެ. އަހަންނާ ނުލައި އެންމެ ދުވަހެއް ގުނުމަކީ ވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ.

ދެން މިވީ ކީއްވެ ހެއްޔެވެ؟ މިތަނުން އަވަހަށް ދެވޭނީ ކިހިނެއްބާއެވެ؟ ކުރު މަގަކުން ޖަލުން ނުކުމެވިދާނެ ހެއްޔެވެ؟ ހިތުގެ ޝަކުވާތައް އޮބި އަޅައިލައިގެން އިނދެ މޭނާއާ ސުވާލުކޮށްލީމެވެ.

"މަޢާފުލިބުން. އިޖުތިމާއީ ޚިދުމަތަށް ނުކުތުން. އެ ވެސް ޝަރުޠުތަކަކާއެކު." މޭނާ ލަސްލަހުން ބުނެލިއެވެ.

"ދަރިފުޅަށް ގުޅައިލަން ބޭނުން." އަހަރެން ބުނެލީމެވެ.

ގުޅަން ބޭނުންވާ ފަރާތުގެ އައިޑީކާޑު ނަންބަރު ނުވަތަ ފޯނު ނަންބަރު އިވޭ ވަރަށް ބާރަށް ކިޔައިދިނުމަށް އިރުޝާދުދިނެވެ. މޭނާގެ އިރުޝާދު ނުނިމެނީސް އަހަރެން ޖަވާބުދިނީމެވެ. އެއާއެކު ދަރިފުޅުގެ ފޮޓޯއެއް ސްކުރީނަށް އެރިއެވެ. އެއީ އަހަރެން ގުޅާން ބޭނުންވާ މީހާކަން ކަށަވަރުކޮށްދިނުމަށް އެދުނެވެ. އަހަރެން އާއެކޭ ބުނީމެވެ. އިރުކޮޅަކުން އިވުނީ ގުޅަން ބޭނުންނަމަ ހޭދަވާނެ ފައިސާގެ އަދަދާއި އެކައުންޓުގައި ހުރި ފައިސާގެ އަދަދެވެ. މުޅި އެކައުންޓުގައިވާ ފައިސާގެ ދެބައިކުޅަ އެއްބައި ނޫނީ ފޯނު ކުރުމަށް ހޭދަ ނުކުރެވޭނެ ކަމަށް ކިޔައިދިނެވެ. މިހާރު ޖަމާގައި ހުރިވަރުން ގުޅައިލެވޭނީ އެންމެ ދެތިން މިނެޓަށެވެ.

އަހަރެން ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އަހަރެން ހުރިހާ ވަގުތެއް ހޭދަކޮށްގެން މަސައްކަތް މިކުރީ އެންމެ ބޭނުމެއްގައެވެ. ހަމައެކަނި ދަރިންނަށް ގުޅައިލުމަށެވެ. ރުޅި އައިސްގެން އަހަންނަށް ދުއްވާ ގަނެވުނީ ސްކުރީނާ ދިމާއަށެވެ. އެއާއެކު މޭނާ އިންޒާރުދިނެވެ. ރުޅި ކޮންޓްރޯލު ކުރާށެވެ. އެހެންނޫނީ އިތުރު އަދަބެއް ލިބިދާނެ ކަމަށް ބުންޏެވެ. އެއަށްފަހު ރުޅި ކޮންޓްރޯލް ކުރުމަށް ދީނުގައި އަންގަވާފައިވާކަން ޤުރުއާނުގެ އާޔަތްތަކުގެ އެހީގައި ހަނދާންކޮށްދިނެވެ.

އަހަންނަށް ހަމަ ބިމަށް ތިރިވެވުނެވެ. ޝަކުވާ ގޯނީގެ ތުން މޮހައިލެވުނެވެ. ޖަމާކުރެވޭ ފައިސާގެ ދެބައިކުޅަ އެއްބައި ބޭނުންކުރެވޭނެ ކަން ކުރިން ނުބުނީމައެވެ. ޖަވާބު އަވަސްވެފައި ސާދާކަމާއެކު ސްކުރީނުން ދައްކާދިނެވެ. މަސައްކަތް ކުރާން ފެށުމުގެ ކުރީން އެކަމަށް އެއްބަސްވި އުސޫލުގައިވާ ކަންކަމުގެ ތެރެއިން، ކުލަ ޖައްސާލަމުން އެ ނުކުތާ އަހަންނަށް ދައްކާދިނެވެ. ބުނާނެ އެއްޗެއް ދައްކާނެ ބަހަނާއެއް ނެތްތާއެވެ! އަވަސް އަރުވާލަމުން އެ ހުރިހާ މައުލޫމާތެއް އަހަރެން އެ ވަގުތަކު ނުކިޔަމެވެ. ހުރިހާ ކަމަކަށް އެއްބަސްވެލީއެވެ.

ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ކަމަށް ބަލައިފަ ދަރިފުޅަށް ގުޅާން ނިންމީމެވެ. އަހަރެން ބުނާން ބޭނުންވާ ވާހަކަތައް ސިކުންތެއްގެ ތެރޭގައި ނަމަވެސް ބުނެ ނިންމާލެވޭނެ ކަމަށް ބަލައިފައެވެ. ދަރިފުޅާ ދައްކާނެ ވާހަކަތައް ހިތުގައި ރާވާލީމެވެ. ކުރުކޮށް ހުރިހާ ވާހަކައެއް ބުނެ ނިންމާލެވޭނެ ގޮތް ހެދުމަށެވެ. ދެތިން ފަހަރު ރިންގުވެލާއިރަށް ދަރިފުޅު ފޯނުނެގިއެވެ. އޭނާ ހުރީ ވަރަށް ހާސްވެފައެވެ.

"ބައްޕާ؟" އަސަރުން ފުރިގެންވާ އަޑަކުން އޭނާ ވާހަކަދެއްކިއެވެ.

"ދަރިފުޅާ ބައްޕަ މިތަނުން ސަލާމަތް..." އަހަރެން ދައްކާން ރޭވި ހުރިހާ ވާހަކައެއް އަޑުއެހުމުގެ ބަދަލުގައި އޭނާ ފެށުމުން ހުއްޓައިލާން މަޖުބޫރުވިއެވެ.

"މަންމަ! މަންމަ ވަރަށް ހާލުބޮޑު. ބައްޕަ ހައްޔަރު ކުރި ޚަބަރު ލިބުމުން މަންމަގެ ހިތް... މިތަނަށް ގެނައިރު މަންމައޮތީ... މަންމަ ވަރަށް ސީރިއަސް. މަންމަ..." އޭނާގެ ވާހަކަ ނުނިމެނީސް ގުޅުން ކެނޑުނެވެ.

ދެން އިވުނީ އަލުން ގުޅަން ބޭނުންވާ ވަރަށް އެކައުންޓްގައި ފައިސާ ނެތްކަން އިޢުލާން ވެގެން އަޑެވެ. އަހަންނަށް ހުއްޓި ހުރެވުނީއެވެ. ގަނޑުވެފައެވެ. ހަރަކާތެއްކޮށްލާން ވެސް ނޭނގިފައެވެ. ދަރިންނާއި ސާރާގެ ޚަބަރެއް ނުވެވިގެން އުޅެނީ ކީއްވެކަން ސާފުވީއެވެ. އަހަންނާ ހެދި ސާރާ އެ ހާލަތަށް ވެއްޓުނީއެވެ. ވިސްނައިލުމެއްނެތި ކުރެވުނު ކުޑަކުޑަ ކަމަކުން ޤާނޫނާ ޚިލާފުވެނީމައެވެ.

ހީވީ ވަށައިގެން ދުނިޔެ އެނބުރޭން ފެށިހެންނެވެ. ފައިދަށުން ބިންގަނޑު ދޫވަމުންދާހެންނެވެ. އަހަރެން ހުރި، ދިހަ ފޫޓު ފަސް ފޫޓުގެ ގޮޅީގެ ފާރުތައް އައިސް އަހަރެން ފިއްތައިލާހެންނެވެ. މީހާ ކުޑަކުޑަ ވެލި ފުކަކަށް ބަދަލުވާން އުޅޭހެންނެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަކާއެކު މަންޒަރު ފުސްވަމުން ގޮސް ހުރިހާ މަންޒަރެއް ގެއްލެމުން ދިޔައެވެ. އިސްތަށިގަނޑުގައި ދެއަތުން ހިފައިލެވުނެވެ. ބާރުބާރަށް ހަޅޭއްލަވާ ގަނެވުނެވެ.

އަވަސްއަވަހަށް މާނޭވާލެވުނެވެ. ބާރަށް ހަޅޭއްލަވާ ގަނެވުނެވެ. ދެ އަތަށް ވާންކޮށްލެވުނެވެ. އިސްތަށިތަކަށް ބާރުވިއެވެ. ދެ ލޯ ހުޅުވާލެވުނެވެ. ފަނޑުއަލިކަމުގެ ތެރެއިން މަންޒަރު ފެނެއެވެ. ވަށައިގެން ހޯދައިލެވުނެވެ. އަރާމު ނިދީގައި އޮތް ސާރާ ފެނުނެވެ. ފާލިހު ކަންނޭލުގައި ބައްދައިލައިގެން އޮތެވެ. ޝާޒް އޮތީ ސާރާގެ އަތްދަނޑިމަތީގައެވެ. ދެވަނަ ފަހަރަށް ލޯ މަރައިލީމެވެ. އަމިއްލަ ކޮލުގައި ކަނާއަތުން ޖަހައިލީމެވެ. ގަޑިއަށް ބަލައިލެވުނެވެ. ތިންގަޑި ބައިވަނީއެވެ.

ހީވީ ރަނގަޅަށެވެ. ހުރިހާއިރު މި އުޅެވުނީ ހުވަފެނީ އާލަމެއްގައެވެ. އަހަރެން ކުލަޖައްސާ، ދިރުންގެނުވި މަންޒަރުތަކަށް އަޅުދާސްތު ވެގެންނެވެ. އެ މާހައުލުގައި މީހަކު ކޮށްފާނެ ތަޖުރިބާތައް މި ކުރެވުނީ އަހަންނަށެވެ. މިއީ، ވައްކަމާއި ފަސާދައިން ތަތްތެޅިފައިވާ މުޖުތަމައުތައް އިސްލާހުކުރެވިދާނެ ގޮތެއްގެ ޚިޔާލެކެވެ. ޤާނޫނު ތަންފީޒުކުރުމުގެ މަދަދުވެރިކަން މަސްނޫއީ ތޫނުފިލިކަމާއި ޒަމާނީ ފަންނީއްޔާތުން ހޯދިދާނެ ގޮތެކެވެ. އެފަދަ ތަސައްވަރެކެވެ. ހުވަފެނެކެވެ. ޙަޤީޤަތަކަށް ހެދިދާނެ ޚިޔާލެކެވެ. މާދަމާ ރަސްމީކޮށް މި މަޝްރޫޢު އިޢުލާން ކުރެވިގެން ދިޔުމުން ދެން ރާއްޖެ މިސްރާބު ޖަހާނީ މި ދިމާއަށް ދަތުރު ފަށާށެވެ. މި އަމާޒަށް ވާސިލުވާށެވެ. މުޅި ޤައުމު އެކުގައެވެ. އޭރުން، ރާއްޖެ ވެގެންދާނީ ނަމޫނާ ޤައުމަކަށެވެ. ދުނިޔޭގެ ކަޅި އަމާޒުވާނެ މަންޒިލަކަށެވެ. މަސްނޫއީ ތޫނުފިލިކަމުން ޤާނޫނު ތަންފީޒުކުރާން ފަށާނެ ފުރަތަމަ ޤައުމަށެވެ. އަދު ޤައުމަށް ދިމާވެ ވާހަކަދައްކަން ނުކުރިފައިވާ ޤައުމީ މައްސަލައާމެދު އަހަރެންގެ އުއްމީދީ ނިމުތަށެވެ. (ނިމުނީ)

ދެ ވަނަ ބައި

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox