ބޮޑު އީދު ބަންދާ ދިމާކޮށް މެރިން ޕޮލިހުން ކަނޑު އުޅަނދުތައް ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް އިއްޔެ ފަށައިފި އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނަކީ އީދު ބަންދާ ދިމާކޮށް މާލެއިން އަތޮޅުތަކަށް ގިނަ އަދަދެއްގެ ބަޔަކު ފުރައި، އަދި އަތޮޅުތަކުން މާލެއަށް ގިނަ ބަޔަކު ޒިޔާރަތްކުރާނެ ކަމަށް ބެލެވޭތީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ.
ޖޫން 23، ގެ ނިޔަލަށް ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި މާލެ އޭރިއާގެ ބަނދަރުތަކުން ލަފާފުރާ އުޅަނދުފަހަރާއި ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު ބަލައިފާސްކޮށް އަދި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތު ދޭނެ ކަމަށް ފުލުހުން ބުނެ އެވެ.

ކަނޑު އުޅަނދުތައް ބަލައި ފާސްކުރަން ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން -- ފޮޓޯ: ފުލުހުން
"މި އޮޕަރޭޝަނަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ އެންމެންނަށް ވެސް އަމާން ރައްކާތެރި ތަނަކަށް ހެދުމަށާއި އަޞްހާ އީދާ ގުޅިގެން މާލެއިން އަތޮޅުތަކަށް ދަތުރުކުރާ ފަރާތްތަކަށާއި އަތޮޅުތަކުން މާލެއަށް ދަތުރުކުރާ ފަރާތްތައް ގިނަވެ ކާރުބާރު ބޮޑުވާނެކަމަށް ބެލެވޭތީ އެ ދަތުރުތަކަކީ އަމާން ރައްކާތެރި ދަތުރުތަކަކަށް ހެދުމަށް،" ފުލުހުން ބުންޏެވެ.

އޭގެއިތުރުން ފުލުހުން ބުނީ އަތޮޅުތަކުން ލަފާފުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މައުލޫމާތު ދިނުމާއި ބަލައިފާސްކުރުމުގެ ކަންކަން އަތޮޅުތަކު ޕޮލިސް ސްޓޭޝަންތަކާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ.













