ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ މާދަމާ އުފަން ރަށް ލ. ފޮނަދޫއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި އަބްދުއްރަހީމް މާދަމާ ހަވީރު ފޮނަދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު، އެމަނިކުފާނު މަޖިލީހުގެ ރައީސް ކަމަށް ހޮވުމާ ގުޅިގެން ހޫނު މަރުހަބާއެއް ކިޔުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
އަބްދުއްރަހީމުއަށް ކައްދޫ އެއާޕޯޓުން ހަވީރު 16:30 ގައި މަރުހަބާ ކިޔުމަށް ހަމަޖެހިފައިވާއިރު، ރޭގަނޑު 8:15 ގައި ހަވާ އަރުވަން ވެސް ވަނީ ހަމަޖެހިފަ އެވެ.
އޭގެއިތުރުން މާދަމާ ރޭ 8:45 ގައި ފޮނަދޫ ސްކޫލުގައި އުފާފާޅު ކުރުމުގެ ގޮތުން "ބޮޑަކޭން" އެއް ވެސް ބޭއްވުމަށް ވަނީ ހަމެޖެހިފަ އެވެ.
ވިހިވަނަ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އަބްދުއްރަހީމާ ހަވާލުކުރަން ފާސްކުރީ 93 މެންބަރުންގެ ތެރެއިން 71 މެންބަރުންގެ ވޯޓުންނެވެ.

ޑީއާރުޕީން ސިޔާސީ ހަޔާތް ފެއްޓެވި އަބްދުއްރަހީމަކީ 17 ވަނަ އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ފޮނަދޫ ދާއިރާ ތަމްސީލްކުރެއްވި މެންބަރެވެ.
މި ސަރުކާރުގައި އެންމެ ނުފޫޒުގަދަ ބޭފުޅުންގެ ތެރޭގައި ވެސް ހިމެނިވަޑައިނަވާ އަބްދުއްރަހީމް މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވުމުގެ ކުރިން ހުންނެވީ ރައީސްގެ ހާއްސަ އެޑްވައިޒަރުގެ ގޮތުގައި މި ސަރުކާރުގެ އެންމެ އިސް ވަޒީރުގެ މަގާމުގަ އެވެ.












