މިދިޔަ އަހަރުގެ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިޔުމަށް ސަރުކާރުން ހޭދަކުރި އަދަދަށް ވުރެ މިއަހަރުގެ އެ މުއްދަތުގައި ހޭދަކުރި އަދަދު ދަށްވެ މުސާރަ ދިނުމަށް ހަމަ އެ މުއްދަތުގެ ތެރޭގައި ކުރި ހަރަދު ބޮޑުތަނުން އިތުރުވެފައިވާކަން ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ މެއި 30, ގެ ނިޔަލަށް ދައުލަތުގެ އާމްދަނީ އާއި ހަރަދުތައް ހިމެނޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓު އާންމުކޮށްފަ އެވެ.
މެއި 2023, ގެ ނިޔަލަށް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓު ޕްރޮގްރާމް (ޕީއެސްއައިޕީ) ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުން 4.8 ބިލިއަން ރުފިޔާ (4,876 މިލިއަން ރުފިޔާ) ހޭދަކުރި އެވެ. ނަމަވެސް, މިއަހަރުގެ މެއި މަހުގެ ނިޔަލަށް މަޝްރޫއުތަކަށް ހަރަދުކުރި ކަމަށް ދައްކަނީ 2.1 ބިލިއަން ރުފިޔާ (2,113 މިލިއަން ރުފިޔާ) އެވެ.
ޕީއެސްއައިޕީ ބަޖެޓުން ބޭނުންކުރީ 23 ޕަސެންޓު
އެ ނަންބަރުތަކަށް ބަލާއިރު މަޝްރޫއުތަކަށް ކުރި ހޭދަ 2.7 ބިލިއަން ރުފިޔާ (2763 މިލިއަން ރުފިޔާ) އިން ވަނީ ދަށްވެފަ އެވެ. މިއަހަރު ޕްރޮޖެކްޓުތައް ހިންގުމަށް 8.9 ބިލިއަން ރުފިޔާ (8,914 މިލިއަން ރުފިޔާ) ބަޖެޓުކޮށްފައިވެ އެވެ.
އަހަރު ދެބައިވާން ކައިރިވަމުންދާއިރު ޕީއެސްއައިޕީ ބަޖެޓުން ހަރަދުކުރި ކަމަށް ދައްކަނީ 23 ޕަސެންޓެވެ. މިދިޔަ އަހަރުގެ މެއި މަސް ނިމުނުއިރު ޕީއެސްއައިޕީ ބަޖެޓުން 55 ޕަސެންޓަށްވުރެ އިތުރަށް ވަނީ ހޭދަކޮށްފަ އެވެ.

ނަންބަރުތަކަށް ބަލާއިރު މަޝްރޫއުތަކަށް ކުރި ހޭދަ ބޮޑުތަނުން ދަށްވެފައިވީ ނަމަވެސް ސަރުކާރުން ބުނަމުންދަނީ އެއްވެސް މަޝްރޫއުއެއް ހުއްޓާނުލައި ކުރިއަށްގެންދާ ކަމަށެވެ.
ވަކިވަކި ދާއިރާތަކަށް ބަލާއިރު އެންމެ ބޮޑު ތަފާތެއް ފެންނަނީ ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް ކުރި ހޭދައިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 735 މިލިޔަން ރުފިޔާ ހަރަދުކުރި އިރު މި އަހަރުގެ މި މުއްދަތުގައި ހަރަދުކުރީ 230 މިލިޔަން ރުފިޔާ އެވެ.
ދަތުރުފަތުރާ ގުޅޭ މަޝްރޫއުތަކަށް މިދިޔަ އަހަރުގެ މި މުއްދަތުގައި 1.58 ބިލިޔަން ރުފިޔާ ހަރަދުކުރި އިރު މި އަހަރު ހަރަދުކުރީ 321.1 މިލިޔަން ރުފިޔާ އެވެ. އޭގެ އިތުރުން ވެސް ގިނަ ދާއިރާތަކުގެ މަޝްރޫއުތަކަށް ހޭދަކުރި އަދަދު މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހަށްވުރެ ވަނީ ބޮޑުތަނުން ދަށްވެފަ އެވެ.
މުސާރަ ހޭދަ 12.6 ޕަސެންޓުން އިތުރުވެއްޖެ
ކެޕިޓަލް ހަރަދުތަކުން 2.4 ބިލިއަން ރުފިޔާ ސަރުކާރުން މަދުކުރިއިރު މުސާރަ ދިނުމަށް ކުރި ހޭދަ ވަނީ 614 މިލިއަނުން އިތުރުވެފަ އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހު ދައުލަތުން މުސާރަ ދޭން ހޭދަކުރީ 4.8 ބިލިއަން ރުފިޔާ (4,858 މިލިއަން ރުފިޔާ) އެވެ. މި އަހަރުގެ އެ މުއްދަތުގައި ދައުލަތުގެ މުސާރަ ބިލު 5.4 ބިލިއަން ރުފިޔާ (5,472 މިލިއަން ރުފިޔާ) އަށް ވަނީ އަރާފަ އެވެ.
އެހެންކަމުން, މުސާރަ ދިނުމަށް ދައުލަތުން ކުރަން ޖެހުނު ހޭދަ މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހަށް ވުރެ މިއަހަރުގެ މެއިގެ ނިޔަލަށް ވަނީ 12.6 ޕަސެންޓުން އިތުރުވެފަ އެވެ.
ދައުލަތުގެ މުސާރަ ބިލު ބޮޑުވެފައިވާ މި ދަނޑިވަޅުގައި ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން ބޮޑެތި މުސާރާގައި ސަރުކާރަށް އައްޔަނުކުރަމުންދާތީ އާންމުންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.
އާމްދަނީ އިތުރުވީ ޓެކުހުން
މިދިޔަ އަހަރުގެ މިމުއްދަތާ އަޅައި ބަލާއިރު ދައުލަތުގެ އާމްދަނީ އަށް 716 މިލިއަން ރުފިޔާ އިތުރުވި އެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އަކީ 14.1 ބިލިއަން ރުފިޔާ އެވެ. މިއަހަރު ލިބުނީ 14.8 ބިލިއަން ރުފިޔާ އެވެ.
އޭގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުން ލިބުނު އާމްދަނީ އެވެ. މެއިގެ ނިޔަލަށް ޖީއެސްޓީގެ ގޮތުގައި ހަތް ބިލިއަން ރުފިޔާ ދައުލަތަށް ލިބުނުއިރު އޭގެ ތެރެއިން 4.9 ބިލިއަނަކީ ޓޫރިޒަމް ޓެކުހެވެ.
ޓެކްސް ފިޔަވައި އެހެން ގޮތްގޮތުން ދައުލަތަށް ލިބޭ އާމްދަނީ ވަނީ 18 ޕަސެންޓު ދަށްވެފަ އެވެ. މިއަހަރު 2.6 ބިލިއަން ރުފިޔާ ދައުލަތަށް ޓެކްސް ފިޔަވައި އާމްދަނީގެ ގޮތުގައި ލިބުނުއިރު 2023 ގައި އެ އަދަދު ހުރީ 3.2 ބިލިއަނުގަ އެވެ.












