އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭނެ ގޮތަށް ގާނޫނު އިސްލާހު ކުރަން އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިޔުން، މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނައިފި އެވެ.
މިއީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފުރަތަމަ ބިލެވެ. މަޖިލީހުގައި އާންމުކޮށް އަމަލުކުރާ އުސޫލަކީ ބިލުގެ ފުރަތަމަ ކިޔުން އިއްވާ ދުވަހު ބިލުގެ ދެލިކޮޕީއަށް މަޖިލީހުގެ މެންބަރުންނަށް ފޮނުވުމަށް ފަހު، އޭގެ ތިން ދުވަސް ފަހުން މަޖިލީހުގައި ބިލުގެ އިބްތިދާއީ ބަހުސް ފެށުމެވެ.
އިބްތިދާއީ ބަހުސް ނިމިގެން ތަޅުމުގައި ބިލު ބަލައިގަތުމާ މެދު ގޮތެއް ނިންމާނެ އެވެ. އެ ވޯޓުން، ތަޅުމަށް ބިލު ބަލައިގެންފިނަމަ ދިރާސާ ކުރުމަށް ކަމާ ގުޅޭ ކޮމިޓީއަކަށް ފޮނުވާނެ އެވެ. ކޮމިޓީން ދިރާސާކުރުމަށް ފަހު ނިންމާ ގޮތެއް ތަޅުމަށް އަނެއްކާ ވެސް ހުށަހަޅާ ބިލު ފާސް ކުރުމާ މެދު ގޮތެއް ނިންމާނީ ދެނެވެ.
އިމިގްރޭޝަން ގާނޫނަށް ރާއްޖެ އެތެރެވުން މަނާ މީހުން ފާހަގަކޮށް އަކުރެއް އިތުރު ކުރާ ގޮތަށް މީކައީލް ހުށަހެޅުއްވި ބިލުގައި ބަޔާންކޮށްފައިވަނީ "އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ މީހުން (މީގެ ތެރޭގައި އިޒްރޭލުގެ ޕާސްޕޯޓުގެ އިތުރުން، އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުން ވެސް ހިމެނޭ) ކަމަށެވެ.
އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކޮށް އިޒްރޭލުގެ އުފެއްދުންތައް ރާއްޖެ ގެނައުން މަނާކުރަން ގޮވާލާ ގަރާރު މަޖިލީހުން ފާސްކުރީ އެޕްރިލް 1، ގަ އެވެ.

އޮކްޓޯބަރު 7، 2023، ގައި އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ގަތުލުއާންމު ފެށުމުން އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ވަރަށް ގިނަ އާންމުން ގޮވާލި އެވެ. އޭގެ ފަހުން ނޮވެމްބަރު، 2023، ގައި އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދީ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކޮމިޓީއިން ރައީސް އޮފީހަށް ސިޓީއެއް ވެސް ފޮނުވި އެވެ.
އިއްޔެ ސަރުކާރުގެ ކެބިނެޓުން ވެސް ވަނީ އިޒްރޭލް ޕާސްޕޯޓު މަނާ ކުރުމަށް ފާސްކޮށްފަ އެވެ. ބަންޑާރަ ނައިބު އަހުމަދު އުޝާމް ކެބިނެޓަށް ލަފާ ދެއްވީ އެ ކަން ކުރެވޭނީ އިމިގްރޭޝަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކެއް ގެނެސްގެން ކަމަށެވެ.
ސަރުކާރުގެ ނިންމުން އާންމު ކުރަމުން އިއްޔެ ބުނީ ގާނޫނަށް ގެންނަން ޖެހޭ ބަދަލު ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީކާއިލް ވަނީ މިހާރު ހުށަހަޅާފައި އޮތް ބިލަށް ސަރުކާރުން ބޭނުންވާ ބަދަލުތައް ކޮމިޓީ މަރުހަލާގައި ގެނެސް ޕާސްޕޯޓް މަނާކުރުމަށް އެދިވަޑައިގެންފަ އެވެ.
އޮކްޓޯބަރު، 2023، ގައި އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ފެށި ގަތުލުއާންމުގައި 36،000 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފަ އެވެ. އޭގެ ތެރޭގައި 15،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ. އަދި ގާތްގަނޑަކަށް 81،000 މީހުން ޒަހަމްވެފައިވާއިރު ގެއްލިފައިވާ މީހުންގެ އަދަދު 10،000 އިން މައްޗަށް އަރަ އެވެ.












