އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމަކީ "ދެ ގައުމެއްގެ ދޭތެރޭ ހިނގާ މައްސަލައެއް ކަމަށް" ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވުމުން ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން އަމާޒުވެއްޖެ އެވެ.
އިއްޔެ މަޖިލިސް ހުވާ ކުރުމަށްފަހު 75 މެމްބަރުން ހިމެނޭ ޕީއެންސީގެ ބިޔަ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖެއަށް އިޒްރޭލުގެ ފަތުރުވެރިން އައުން މަނާކުރުމާ މެދު އާ މަޖިލީހުން ގެންގުޅޭނެ ސިޔާސަތާމެދު ނޫސްވެރިން ވަނީ ސުވާލުކޮށްފަ އެވެ.
ތަކުރާރުކޮށް ކުރި މި ސުވާލަށް ފުރަތަމަ ޖަވާބު ދެއްވަމުން ފަލާހު ވިދާޅުވީ، މައްސަލާގެ މާބޮޑު މައުލޫމާތެއް އެނގިފައި ނެތުމުން ޖަވާބެއް ދެވެން ނެތް ކަމަށެވެ.
"އިޒްރޭލުގެ މައްސަލާގައި، އެ މައްސަލައަކީ ތިބޭފުޅުން އިނގިވަޑައިގަންނަވާނެ ހަމަ ވަރަށް ބޮޑު ފޮރިން ދެ ގައުމެއްގެ ދޭތެރޭ ހިނގާ، މައްސަލަތަކެއް، އެ ކަންކަމުގެ ސަރުކާރުން އެންމެ ވިސްނާފަ ފޮނުވާ ގޮތަކަށް، އެންމެ ރައްޔިތުންނަށް ގައުމަށް ފައިދާ ހުރި ގޮތަކަށް އިރާދަކުރެއްވިއްޔާ ނިންމަން ޖެހޭ ކަންކަން ނިންމާނަން،" ދެވަނަ ފަހަރަށް އެ ސުވާލު ކުރުމުން ފަލާހު ވިދާޅުވި އެވެ.
މި މަންޒަރު ފެންނަ ވީޑިއޯ ހިއްސާކުރައްވާ، ކުރީގެ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަދި ޑިމޮކްރެޓްސްގައި އިސްކޮށް ހަރަކާތްތެރިވާ ހުސެން އަމްރު އެކްސްގައި ވަނީ ފަލާހަށް ފާޑުވިދާޅު ޕޯސްޓު ކުރައްވާފަ އެވެ.

"އިޒްރޭލުން ފަލަސްތީނުގަ ބޮޑު ގަތުލު އާންމެއް ހިންގަމުން ދާައިރު މީ ދެ ޤައުމެއް ދޭތެރޭ ހިނގާ މައްސަލައެއް ނޫން، މީ މުޅި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާއެއް،" އަމްރު ލިޔުއްވާފައިވެ އެވެ.
އޭގެ އިތުރުން ދިވެހި ގައުމަށް ރަނގަޅު ގޮތަކަށް ވާނީ ފަލަސްތީނު ރައްޔިތުންނަށް ރަނގަޅު ވާ ގޮތް ކަމަށާއި ސަރުކާރުން ވަކި ގޮތެއް އަންގަންދެން މަޑު ނުކޮށް މަޖިލީހުން ފިޔަވަޅު އަޅަން ޖެހޭ ކަމަށްވެސް އަމްރު ލިޔުއްވާފައިވެ އެވެ.
މި ޕޯސްޓު ހިއްސާކުރި ގިނަ ބަޔަކުވެސް ވަނީ ފަލާހަށް ފާޑުކިޔާފަ އެވެ.
"ހާދަ ލަދުހަޔާތްވެސް ކުޑައޭ ގައުމިއްޔަތާއި ދީނިއްޔަތުގެ ސަރުކާރު، މަތި އޮމާންކޮށްފަ ބުނެލީ އަހަރުމެންނާ ބެހޭ ކަމެއްނޫނޭ!," އެކަކު ލިޔެފައިވެ އެވެ.
އަދި ޕީއެންސީއިން އިދިކޮޅުގައި އޮތް އިރު ދެއްކި ދީނާއި ގައުމިއްޔަތުގެ ވާހަކައާ މިހާރު ފެންނަ މަންޒަރާ ވަރަށް ތަފާތު ކަމަށްވެސް އެކި މީހުން ވަނީ ބުނެފަ އެވެ.
ފަލާހުގެ ވީޑިއޯ ހިއްސާކުރައްވާ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، އެ ކަންވާރަކުން ނުކުންނާނީ އެ ކަންވާރެއްގައި ހުރި އެއްޗެއް ކަމަށާއި މި މަޖިލީހުގެ ރައީސާ ހަމައިން ފެށިގެން ގިނަ މެމްބަރުން ފެނުނީމަ ހީވަނީ ނުކިޔާ ކުދިންގެ އީދު އައީހެން ކަމަށެވެ.
"ފަލަސްތީނުގެ މައްސަލައަކީ ދެބައެއްގެ ދެމެދުގައި ގޯއްޗެއްގެ އިންފާރު ވަކިކުރުމުގައި ދިމާވެގެން އުޅޭ ދެބަސްވުމެއްހާ އާދައިގެ ކަމެއް ގޮތަށް ދޭހަވާގޮތަށް ވާހަކަ ދެއްކުމަކީ މިފަދަ މައްސަލަތަކާމެދު މި މީހުން ސީރިއަސް ނޫންކަން އަންގައިދޭ ކަމެއް،" ހަމަ އެ ވީޑިއޯއަށް މީހަކު ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
"ގްރޭޑް 1 ގެ ދަރިވަރަކަށް ވެސް މި ބޭފުޅާއަށް ވުރެ ސާފު ނަޒަރެއް މިކަމުގައި ދެވިދާނެ، ލަދު ހަޔާތް ގެއްލުނީމަ ދެއްކޭ ނުދެއްކޭ ވާހަކަވެސް ނޭގެނީ،" އިތުރު މީހަކު ފަލާހަށް ފާޑުކިޔާ ކުރި ޕޯސްޓެއްގައި ލިޔެފައިވެ އެވެ.













