އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސޮއިކުރެއްވި އެކްސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާނުކޮށްދީ ހިފެހެއްޓުމުން ، ލިބުނު ގެއްލުމުގެ ބަދަލު ހޯއްދަވަން ޔާމީން ހުށަހެޅުއްވި މައްސަލަ މަޑުޖައްސައިލަން ހައިކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ހައިކޯޓުން އެގޮތަށް އެންގީ އެ މައްސަލާގައި ޔާމީނުގެ ފަރާތުން ޝާމިލުކުރި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެ މައްސަލައިން ބަރީއަވާ ކަަމަށް ބުނެ، އެކޯޓުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި އެގޮތަށް އަމުރުކޮށްދޭން އެދުމުންނެވެ.
ޔާމީންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެދިވަޑައިގެންފައިވަނީ އެ ފައިސާ ބޭންކުން ހިފަހައްޓާފައިވަނީ އެކްސްކްރޯ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި އޭގެ ސަބަބުން ލިބުނު ގެއްލުމަށް އަދުލުވެރި ބަދަލެއްގެ ގޮތުގައި އެ ފައިސާއާއެކު، އެ ފައިސާ އިންވެސްޓްމަންޓް އެކައުންޓުގައި ބެހެއްޓިނަމަ ޔާމީނަށް ލިބިވަޑައިގަންނަވާނެ ކަމަށް އަންދާޒާ ކުރެވޭ އަދަދުގެ ފައިސާ ދިނުމަށް އެންގުމަށެވެ.
ބީއެމްއެލުން ސިވިލް ކޯޓަށް ހުށަހެޅި އިއުތިރާޒަކީ، އެ ބޭންކަކީ އެ މައްސަލައިގެ ބައިވެރިޔެއް ނޫން ކަމަށް ބުނެ ހުށަހެޅި އިއުތިރާޒެކެވެ. ތަހުގީގުގެ ބޭނުމަށް އޭސީސީން އެދިގެން އެ ފައިސާ ޖަމާކޮށްފައިވަނީ އެ ކޮމިޝަނުގެ ނަމުގައި ހުޅުވާފައިވާ ބީއެމްއެލް ކަރަންޓު އެކައުންޓަކަށް ކަން ބޭންކުން ފާހަގަކުރި އެވެ. އެހެންވެ އެ ދައުވާ ރައްދު ވާން ޖެހޭނީ ހަމައެކަނި އޭސީސީއަށް ކަމަށް ބޭންކުން ވަކާލާތުކޮށްފައިވެ އެވެ.
ނަމަވެސް ސިވިލް ކޯޓުން ނިންމީ ބީއެމްއެލްގެ އިއުތިރާޒު ބަލައިނުގަތުމަށެވެ. އަދި ސިވިލް ކޯޓަށް އެ ބޭންކު ވެސް ހިމެނޭ ގޮތަށް އެ މައްސަލަ ބެލުމުގެ އިހުތިސޯސް ލިބިފައިވާ ކަމަށެވެ. އެ ގޮތަށް ސިވިލް ކޯޓުން ނިންމީ ފެބްރުއަރީ 20، ގަ އެވެ.

އެ ނިންމުން ބޭންކުން ހައިކޯޓުގައި އިސްތިއުނާފުކޮށް، އެ އިސްތިއުނާފު ނިމެންދެން ސިިިވިލްކޯޓުގެ ޝަރީއަތް މަޑުޖައްސައިލުމުގެ އަމުރަކަށް އެދުނެވެ. ހައިކޯޓުން މިއަދު ސިވިލްކޯޓަށް އެންގީ ވެސް އެހައިތަނަށް، ނުވަތަ ހައި ކޯޓުން ވަކި ގޮތެއް އަންގަންދެން ސިވިލް ކޯޓުގެ ޝަރީއަތް މަޑުޖައްސައިލުމަށެވެ.













