މަސްދުވަހުގެ ބޮޑު ޗުއްޓީއަކަށްފަހު ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށައިފި އެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދު ފެށިއިރު، މޫސުން ގޯސްވުމުގެ ސަބަބުން ފުރަތަމަ ތިން ދުވަހު ކިޔަވައިދިނުމަށް އެޑިއުކޭޝަނުން ނިންމާފައިވަނީ ތިން ގަޑިއިރަށް ސެޝަން ކުރުކޮށްގެންނެވެ.
މިއަދުގެ ކިޔެވުން ފެށީ 96،000 އަށްވުރެ ގިނަ ދަރިވަރުންނާ އެކު އެވެ. އެއީ 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުންނެވެ. އޭގެތެރެއިން 83،000 އެއްހައި ދަރިވަރުން ތައުލީމު ހާސިލު ކުރަމުންދަނީ ސަރުކާރުގެ ސްކޫލްތަކުގަ އެވެ.
އެޑިއުކޭޝަން މިނިސްޓަރީން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ސަރުކާރު ސްކޫލްތަކުގައި ތައުލީމު ހާސިލު ކުރާ ދަރިވަރުންގެ ތެރެއިން 17،000 އެއްހައި ދަރިވަރުންނަކީ މާލޭ ސަރަހައްދުގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނެވެ.
މުޅި ރާއްޖެއަށް ބަލާއިރު، އެލްކޭޖީއިން ފެށިގެން ގުރޭޑު 12 އާ ހަމައަށް ޕްރައިވެޓް ސްކޫލްތަކުގައި ތައުލީމު ހާސިލު ކުރަމުންދާ 13،000 ދަރިވަރުން ތިބިއިރު، އޭގެތެރެއިން 9000 ދަރިވަރުން ކިޔަވަނީ މާލޭ ސަރަހައްދުގައި ހުންނަ ސްކޫލްތަކުންނެވެ.

އައު އަހަރުގެ ކިޔެވުން ފެށުނުއިރު، އެންމެ ބައިބޯ، މާލޭ ސްކޫލްތަކުގެ ގުރޭޑު އެކެއްގައި 2250 ދަރިވަރުން މިއަދު ވަނީ ކިޔަވަން ފަށައިފަ އެވެ. މާލޭ ސަރަހައްދުގެ އެހެން ގުރޭޑުތަކަށް އަލަށް ވަނތް ކުދިންގެ އަދަދަކީ 2081 އެވެ.
ރާއްޖޭގެ އެހެނިހެން ހިސާބުތަކުން އަލަށް މާލެއަށް ހިޖުރަ ކުރި އާއިލާތަކަށް ނިސްބަތްވާ 1126 ދަރިވަރަކު މިއަދު ކިޔަވަން ފެށިއިރު، މާލޭގެ އެއް ސްކޫލުން އަނެއް ސްކޫލަށް 1000 އެއްހައި ދަރިވަރުން ވަނީ ބަދަލުވެފަ އެވެ. އޭގެތެރޭގައި ޕްރައިވެޓު ސްކޫލްތަކުގައި ތައުލީމު ހާސިލު ކުރަމުންދިޔަ 124 ދަރިވަރުންނާއި ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލު ކުރަމުންދިޔަ 32 ދަރިވަރެއް ސަރުކާރުގެ ސްކޫލްތަކަށް ބަދަލުވެފައިވެ އެވެ.
އެޑިއުކޭޝަން މިނިސްޓަރީން ބުނީ މިއަދު ދިރާސީ އައު އަހަރުގެ ކިޔެވުން ފެށީ 12،662 މުދައްރިއްސުންނާ އެކުގައި ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 10،729 ދިވެހި މުދައްރިއްސުންނާއި 1933 ބިދޭސީ މުދައްރިސުން ކަމަށް އެ މިނިސްޓަރީން ބުނެފައިވެ އެވެ.
މިއަހަރު ސަރުކާރުގެ 162 ސްކޫލެއްގައި އެއް ދަންފަޅިއަށް އަދި 55 ސްކޫލެއްގައި ދެ ދަންފަޅިއަށް ކިޔަވައިދޭނެ ކަމަށް ވެސް އެޑިއުކޭޝަނުން ބުންޏެވެ. މީޑިއާތަކާ އެ މިނިސްޓަރީން ހިއްސާ ކުރި މައުލޫމާތުގައި ބުނެފައި ވަނީ މިއަހަރު ވެސް ހަ ސްކޫލެއްގައި ސެޓެލައިޓް މަފުހޫމްއަށް ކިޔަވައިދޭނެ ކަމަށެވެ.












