އާދީއްތަ ދުވަހު ފަށާ ދިރާސީ އާ އަހަރުގެ ފުރަތަމަ ތިން ދުވަހު ކިޔަވައިދޭ ގަޑިތައް, މޫސުން ގޯސްވުމުގެ ސަބަބުން ކުރުކޮށްފި އެވެ.
"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރާއްޖޭގެ މޫސުން ގޯސްވާނެތީ ހުރިހާ ސްކޫލަކަށް ކިޔަވައިދޭ ވަގުތު ކުރުކުރަން އަންގައި، ސާކިއުލާއެއް ފޮނުވާފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް ސްކޫލްތަކުން ވަނީ އެ ސާކިއުލާއަށް އަމަލުކޮށް، ފުރަތަމަ ތިން ދުވަހު ކުރިން ކިޔަވައިދޭން ކަނޑައަޅާފައިވާ މުއްދަތު ކުރުކޮށް އާ ޓައިމް ޓޭބަލް ބެލެނިވެރިންނާ ހިއްސާ ކޮށްފަ އެވެ.
މިފަަރުގެ ދިރާސީ އާ އަހަރު ފެށެން ކައިރިވިއިރު މޫސުން ގޯސްވުމުގެ ސަބަބުން ބެލެނިވެރިންނަށް ވަނީ ސްކޫލް ކުދިންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.
މިފަހަރު މާލޭގެ ސްކޫލްތަކުގެ އެކި ގްރޭޑްތަކަށް ރަށްރަށުން 800 އަށްވުރެ ގިނަ ކުދިން ބަދަލުވިއިރު، މާލޭ ސްކޫލްތަކަށް ގްރޭޑް އެކަކަށް ވަތް ކުދިން ވެސް ވަރަށް ގިނަ އެވެ.

ރާއްޖޭގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން އަންނަނީ ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓުގެ އިތުރުން އޮރެންޖް އިންޒާރު ވެސް ނެރެމުންނެވެ.












