މާލޭގެ މަގަކަށް ފަލަސްތީނާ ގުޅޭ ނަމެއް ދީފި ނަމަ ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރު ކުރާނެ ކަމަށް ބުނެ މާލޭ ސިޓީގެ ކައުންސިލަރަކު އެކަމަށް މިއަދު ދެކޮޅު ހަދައިފި އެވެ.
ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމް ހުށަހެޅުއްވީ މާލޭގައި ނަން ނުކިޔާ އޮތް ދެ މަގުން ކުރެ މަގަކަށް ނުވަތަ އެހެން މަގަކަށް ފަލަސްތީންއާ ގުޅޭ ނަމެއް ދިނުމާމެދު ކައުންސިލް މެންބަރުން ދެކިވަޑައިގަންނަވާ ގޮތެއް ބެލުމަށެވެ.
އެ މަގަށް "ފަލަސްތީން ހިނގުން" ނުވަތަ ފަލަސްތީނާ ގުޅުވައި އެހެން ނަމެއް ވެސް ދެވިދާނެ ކަމަށާއި، އެފަދަ ގޮތަކަށް ނަން ދޭން ހުށަހެޅުއްވީ ފަލަސްތީނަކީ ދިވެހިންގެ ހިތްތަކާ ވަރަށް ގުޅިފައިވާ ބިމަކަށްވާތީ ކަމަށް އާޒިމް ވިދާޅުވި އެވެ.
އެ ހުށަހެޅުމާ ދެކޮޅު ހެއްދެވީ ޕީޕީއެމް އަށް ނިސްބަތްވާ މައްޗަންގޮޅީ އުތުރު ދާއިރާގެ ކައުންސިލަރު ސައީދާ ރަޝާދު އެކަންޏެވެ.
"އަހަރުމެންގެ އެންމެ މައި ނާރަކީ ޓޫރިޒަމް. އެހެންވީމަ އެ އެއްޗަށް ވަރަށް އޭގެ އެފެކްޓު އަންނާނެ،" އޭނާ ވިދާޅުވި އެވެ.

ކައުންސިލް މެންބަރު ސައިފް ފާތިހު ވިދާޅުވީ ފަލަސްތީނުގައި ރައްޔިތުންނަށް ހިތްވަރު ދިނުމުގެ ގޮތުން ފަލަސްތީނާ ގުޅޭ ނަމެއް މާލޭގެ މަގަކަށް ދިނުމަކީ މުނާސަބަތު ކަމެއް ކަމަށެވެ.
މޭޔަރު އާޒިމް ވިދާޅުވީ މަގަށް ކިޔާނެ ސީދާ ނަމާއި، ތަފްސީލެއް މެންބަރުންނާ ހިއްސާ ކުރައްވާނެ ކަމަށާއި، މަގު ހުޅުވުމަށް ރަސްމިއްޔާތެއް ވެސް ބާއްވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ދުވަހެއް ކަމަށް ވިދާޅެއް ނުވެ އެވެ.













