އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގައި ހާލުގައި ޖެހުނު، އައިޔޫއެމްގައި މަސައްކަތް ކުރާ އެ ގައުމުގެ ޕްރޮފެސަރު ޑރ. ހަސަން އަލް ކޯދީގެ އާއިލާ ރާއްޖެ ގެނެސްފި އެވެ.
ހަސަން އޭނާގެ އާއިލާ ސަލާމަތުން ރާއްޖެ ގެނެސްދިނުމަށް ދިވެހިންގެ އެހީއަށް އެދުނީ މާޗު 31، ގަ އެވެ. އެކަމުގައި އޭނާއަށް އެހީތެރިވާނެ ކަމަށް އެކި ގައުމުތަކުގައި ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިވާ ދިވެހި ޖަމިއްޔާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން މީގެ ކުރިން ބުނެފައިވެ އެވެ. ހަސަންގެ އާއިލާ މާލެ އަށް ގެނެސްފައިވަނީ އެ ޖަމިއްޔާއިން ދިން އެހީގަ އެވެ.
އައިއޭސީއިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ގާޒާއިން އެ އާއިލާ ސަލާމަތް ކުރުމަށް ކުރެވުނު މަސައްކަތް ކާމިޔާބުވެ، އެ އާއިލާ މާލެ ގެނެވިފައިވަނީ މިއަދު ކަމަށެވެ. އަދި، ދިވެހި ރައްޔިތުންގެ އެހީގައި މި އާއިލާ ރާއްޖެ ގެނެވުމަކީ ލިބޭ އުފަލެއް ކަމަށްވެސް ބުނެފައިވެ އެވެ.
މީގެއިތުރުން، މި މަސައްކަތުގައި ރާއްޖޭގެ އިމިގްރޭޝަނުން ދިން އަވަސް އެހީތެރިކަމަށްވެސް އެ ޖަމިއްޔާއިން ވަނީ ޝުކުރުއަދާކޮށްފަ އެވެ.
ހަސަންގެ އަނތްބަކާއި އުމުރުން 20-13 އަހަރާ ދެމެދުގެ ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިން ތިބެ އެވެ. އޭނާ ރާއްޖޭގައި މަސައްކަތް ކުރާތާ މިހާރު އަށް އަހަރުވެފައިވާއިރު މީގެ ކުރިންވެސް އެ އާއިލާއިން ވަނީ ރާއްޖެއަށް އައިސްފަ އެވެ. ނަމަވެސް މިދިޔަ އޮކްޓޯބަރު މަހު އިޒްރޭލުން ހަމަލާތައް ވަރުގަދަ ކުރިއިރު އާއިލާ ތިބީ ގާޒާގަ އެވެ.

އެ އާއިލާ އެކީގައި މިއަދު ވަނީ މާލެ އައިސްފަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އާއިލާ ހޭދަކުރި ވަގުތުތަކުގެ މަންޒަރުތައް އައިއޭސީއިން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.












