މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު, އަހްމަދު ޝަމާހު އެ މަގާމުން ވަކިކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިއްޔެ ނިންމިއިރު، ފާހަގަކޮށްލެވޭ އަނެއް ހަބަރަކީ އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމުން އައިޝާ ނޫރައިން ޖަނާހު އިސްތިއުފާ ދެއްވުމެވެ.
ޕީސީބީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިފްކޯގެ ސީއީއޯގެ މަގާމުންނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ޝަމާހު ވަކިކުރަން ނިންމާފައިވާ ކަމަށެވެ. އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
ނަމަވެސް ބެލެވޭ ގޮތުގައި ޝަހާމު ވަކިކުރީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ބެލުމަށް ފަހު އެވެ. އެ ތުހުމަތުގައި އޭނާ ސަސްޕެންޑު ވެސް ކުރި އެވެ. އެ ސަސްޕެންޝަން އުވާލަން ޕީސީބީއިން ނިންމީ އޭޕްރީލް 24، ގަ އެވެ.
ޕީސީބީއިން އެންމެ ފުރަތަމަ ޝަމާހު ސަސްޕެންޑުކުރީ މާޗު 18، ގަ އެވެ. އޭރު ދިން މުއްދަތު މާޗު 31، ގައި ހަމަވާތީ އޭޕްރިލް 21، ގެ ނިޔަލަށް ސަސްޕެންޝަން އިތުރުކުރި އެވެ. އެފަހަރު އިތުރު ކުރި މުއްދަތު ހަމަވުމާއެކު ޕީސީބީއިން ނިންމާފައިވަނީ ސަސްޕެންޝަން އުވާލާށެވެ.
މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށް ޝަމާހު ސަސްޕެންޑުކުރީ ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއް ގައި އިންކުއަރީއެއް ހެދުމުގެ ގޮތުންނެވެ.

ޝަމާހުއަށް ތުހުމަތުކުރެވުނު މައްސަލަތަކުގެ ތެރޭގައި ކުންފުނީގެ ވަޒީފާތަކަށް ގާތް ތިމާގެ މީހުން ނެގުމާއި ކުންފުނީގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހިމެނެ އެވެ. އެކަމަކު މި މައްސަލައިގައި އެސްއޯއީ ކޮމިޓީން ޕީސީބީ ވެސް ހާޒިރުކޮށްގެން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގައި ޝަމާހު މި ތުހުމަތުތައް ދޮގުކޮށްފައިވެ އެވެ.
އެ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި އެސްއޯއީ ކޮމިޓީގައި ތިއްބަވާ ބައެއް މެމްބަރުން ވަނީ ޝަމާހު ސަސްޕެންޑު ކުރި ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ކަންބޮޑުވުންތަކާ ގުޅިގެން ޕީސީބީއިން ބުނީ އެ ބޯޑުން އަމަލުކުރީ ކޯޕަރޭޓް ގަވަނަންސްގެ މައްސަލަތައް ބަލާ އުސޫލުގެ ދަށުން ކަމަށެވެ.
ޝަމާހު ސަސްޕެންޝަނުގައި ހުއްޓާވެސް މިފްކޯގެ ތެރޭގައި މައްސަލަތަކެއް ފެންމަތިވި އެވެ. އެގޮތުން އާދިއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބާ ދިމާކޮށް އެ ކުންފުނީގެ 100 އަށްވުރެ ގިނަ މުވައްޒަފުންނަށް ދިން ޕްރޮމޯޝަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވި އެވެ.
"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީއިން ހުއްޓުވާފައި ވަނީ ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި މަސައްކަތްކުރާ މިފްކޯގެ 100 އަށްވުރެ ގިނަ މުވައްޒަފުންނަށް ދިން ޕްރޮމޯޝަން އެވެ.













