ހަތަރު މީހުންނާއެކު ހުކުރު ދުވަހު ގެއްލުނު "AAA-37" ދޯނި އިއްޔެ ފެނުނެވެ.
އެ ދޯނި ފެނުނީ ވ. ރަކީދޫ ބޭރުން ދަތުރުކޮށްފައި ދަނިކޮށް، ކަންނެލި ދޯންޏެއް ކަމަށްވާ އަސުރުމާ-3 ދޯންޏަށެވެ. އަސުރުމާ ދޯނިން ވަނީ، ގެއްލުނު ދޯނީގެ ފޮޓޯ އާއި އެ ދޯނި އޮތް ސަރަހައްދު ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
ދޯނީގެ އޮޑިވެރިން "އަދަދު" އަށް މައުލޫމާތު ދިން ގޮތުގައި އެ ދޯނި ފެނިގެން އެމްއެންޑީއެފަށް ގުޅުމުން، ސިފައިންނަށް އެ ދޯންޏާ ގުޅިފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ، ގެއްލުނު ދޯންޏާ ގުޅިފައިވާ ކަމަށާއި މިހާރު ކޯސްޓްގާޑް ޝަހީދު އަލީ އެ ސަރަހައްދަށް ދުއްވަމުންދާ ކަމަށެވެ.
އެ ދޯނި ގެއްލިގެން ހޯދުމަށް ކުރެވުނު މަސައްކަތުގައި ކަނޑުމަގުން 2461 އަކަ ނޯޓިކަލް މޭލު ސަރަހައްދެއް, އަދި ވައިގެމަގުން 6954 އަކަ ނޯޓިކަލް މޭލު ސަރަހައްދެއް ބެލިކަމަށް އެމްއެންޑީއެފުން ބުނެ އެވެ. މި އޮޕަރޭޝަންގައި ޑްރޯންތައް ބޭނުމެއް ނުކުރެ އެވެ.

މާޗު މަހު ފަހުކޮޅު މ. އަތޮޅުން ގެއްލުނު ދޯންޏެއް ހޯދީ ޑްރޯން ބޭނުންކޮށްގެން ކަމަށް އެމްއެންޑީއެފްއިން އޭރު ބުނެފައިވެ އެވެ. އެ ފަހަރު އެ ދޯނި ހޯދުމަށް ރަތްމެންދޫއާ ދިމާ ކަނޑުގެ ސަރަހައްދުގެ 440 އަކަ ނޯޓިކަލް މޭލްގެ ސަރަހައްދެއް ބެލި އެވެ.












