އީރާންގެ އީސްޓް އަޒެރުބައިޖާން ޕްރޮވިންސްގައި ދަތުރުކުރަމުންދިޔަ ހެލިކޮޕްޓަރެއް ވެއްޓި އެ ގައުމުގެ ރައީސް, އިބްރާހިމް ރައީސީ އަދި އެމަނިކުފާނާ އެކު ދަތުރުކުރެއްވި ވަފްދުގެ ބޭފުޅުން އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެ ހިތާމަވެރި ހާދިސާގައި ރައީސީގެ ފުރާނަ ގެއްލުމާ ގުޅިގެން ހިތާމަކުރައްވާ ކަމަށެެވެ. އީރާނުގެ ރައީސާއި އެމަނިކުފާނުގެ އަރިހުގައި ހެލިކޮޕްޓަރުގައި ވަޑައިގެންނެވި ބޭފުޅުންގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށް އެދި ރައީސް މުއިއްޒު ދުއާ ކުރެއްވި އެވެ.
އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ވެސް ވަނީ ރައީސީ އަވަހާރަވުމާ ގުޅިގެން ތައުޒިޔާގެ މެސެޖެއް ފޮނުވާފަ އެވެ.
އީސްޓް އަޒެރުބައިޖާން ޕްރޮވިންސަކީ އީރާނާއި އަޒެރުބައިޖާނާ ދެމެދު އޮންނަ ބޯޑަރު ކައިރީގައި އޮންނަ އީރާންގެ ޕްރޮވިންސެކެވެ. ރައީސީ ދަތުރުކުރެއްވީ އެ ޕްރޮވިންސުގައި އަޒެރުބައިޖާންގެ ރައީސް އިލްހާމް އަލިޔެވު އާއެކު ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
އެ ރަސްމިއްޔާތަށް ފަހު އެނބުރި ވަޑައިގަންނަވަނިކޮށް ހެލިކޮޕްޓަރު ވެއްޓުނީ އީސްޓް އަޒެރުބައިޖާން ޕްރޮވިންސްގެ ދެ ސިޓީ ކަމަށްވާ ވަރުޒަގާން އާއި ޖޮލްފާ ދެމެދު އޮންނަ ދިޒްމާރު ޖަންގަލި ތެރެއަށެވެ.

އެ ވަގުތު ހެލިކޮޕްޓަރުގައި ރައީސީގެ އިތުރުން އެމަނިކުފާނުގެ ފޮރިން މިނިސްޓަރު ހުސައިން އާމިރު އަބްދުالله ހައިން އާއި ޕްރޮވިންސްގެ ގަވަރުނަރާއި, ރައީސީގެ ބޮޑީގާޑާއި އޭގެ އިތުރުން ވެސް ބޭފުޅުންތަކެއް ތިއްބެވި އެވެ.
އިރާންގެ އަށް ވަނަ ރައީސް, ރައިސީ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ އޯގަސްޓް، 2021 ގަ އެވެ. އެމަނިކުފާނު ވަނީ އިރާނުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު 2014 އިން 2016 ގެ ނިޔަލަށް ފުރުއްވާފަ އެވެ.













