އިއްޔެ ހެނދުނު ތިން މީހުންނާއެކު ތިލަފުށިން ފުރައިގެން މ. އަތޮޅުގެ ރިސޯޓަކަށް ދަތުރުކުރަމުން ދަނިކޮށް ގެއްލިފައިވާ ދޯނި ހޯދުމަށް ވައިގެ މަގުން ބޭނުންކުރަނީ މޯލްޑިވިއަންގެ މަތިންދާބޯޓެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން މިއަދު ހެނދުނު ބުނި ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ މ. އަތޮޅު މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުން ދިޔަ “AAA-37” ނަމަކަށް ކިޔާ ދޯންޏެކެވެ. އެ ދޯނީގައި ތިބީ ކިތައް ދިވެހިން ކަމެއް އަދި ކިތައް ބިދޭސީން ކަމެއްވެސް ސިފައިން އަދި ހާމައެއް ނުކުރެ އެވެ.
އެ ދޯނި ހޯދުމަށް ހިންގާ އޮޕަރޭޝަނާ ގުޅިގެން ސިފައިންގެއިން މެންދުރު 12:00 ހާއިރު ބުނި ގޮތުގައި، ކަނޑުމަގުން ދޯނި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑު ޝަހީދު އަލީ ރެއިން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އަދި، ވައިގެ މަގުން ދޯނި ހޯދުމަށް ބޭނުންކުރަނީ މޯލްޑިވިއަންގެ މަތިންދާ ބޯޓެއް ކަމަށްވެސް އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓުގައި ބުންޏެވެ. މިފަދަ ސާޗް އެންޑް ރެސްކިއު މަސައްކަތަށް އެމްއެންޑީއެފަށް މި ފަހުން ގެނައި ޑްރޯންގެ ބޭނުންކުރޭތޯ އެހުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ދޯނި ހޯދުމުގެ އޮޕަރޭޝަނުގެ އިތުރު މައުލޫމާތެއް އަދި ނެތް ކަމަށެވެ.
މީގެ އިތުރުން، ދޯނީގައި ތިބީ ތިން މީހުން ކަމަށް މީގެ ކުރިން ބުނި ނަމަވެސް ހަތަރު މީހަކު ދޯނީގައި ދަތުރުކުރި ކަމަށް ވެރިފަރާތުން މައުލޫމާތުފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް އިއްޔެ ވައިގަދަވާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އޮތީ ރީނދޫ އެލާޓް ނެރެފި އެވެ. މާލޭ ސަރަހައްދަށް ވެސް އިއްޔެ ވަރަށް ބޮޑަށް ވައި ގަދަވެ، ބޯކޮށް ވާރޭ ވެސް ވެހުނެވެ.













