ހަ ފަސިންޖަރުންނަށް ވުރެ ގިނަ ފަސިންޖަރުން އެއް ފަހަރާ އުފުލޭ ވަރުގެ ބޮޑެތި އުޅަނދުތަކަށް ޓެކްސީ ކުރަން ހާއްސަ އަގުތަކެއް ކަނޑައަޅައި، އަންނަ ހޯމަ ދުވަހުން ފެށިގެން އެ އަގުތަކަށް އަމަލުކުރަން ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ އެންގި އެވެ.
މާލޭ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުގައި ޓެކްސީ ކުރުމުގެ އަގުތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ބަދަލު ގެނައި އެއާޕޯޓުން ޓެކްސީ ނުލިބޭ މައްސަލައިގައި ސަރުކާރުން ފަށައިގެން އުޅޭ ހާއްސަ މަސައްކަތުގެ ދަށުންނެވެ.
ބޮޑެތި އުޅަނދުތަކަށް ޓެކްސީ ކުރެވޭ އަގު ބޮޑުކުރުމުގެ އިތުރުން ޓްރާންސްޕޯޓުން ވަނީ ލަގެޖު ގިނަ ވާނަމަ ގިނަވާ ލަގެޖަށް ފައިސާ ނެގޭނެ މިންވަރާއި އެއާޕޯޓަށް ކުރާ ދަތުރުތަކުގައި ޑޮމެސްޓިކް ޓާމިނަލަށް ދާން ޖެހިއްޖެ ނަމަ އިތުރަށް ނެގޭނެ އަގު ކަނޑައަޅާފަ އެވެ.
ހަ ސީޓަށް ވުރެ މަދުން ހުންނަ އުޅަނދުތަކަށް އަދިވެސް ދަތުކުރެވެނީ ޓްރާންސްޕޯޓު މިނިސްޓްރީން 2022 ގައި ކަނޑައަޅާފައިވާ އަގުތަކުގަ އެވެ. ނަމަވެސް މިވަރުގެ ޓެކްސީތަކަށް ވެސް ޑޮމެސްޓިކަށް ކުރާ ދަތުރުތަކަށް އިތުރަށް 10ރ. އަދި ލަގެޖަށް ހޯމައިން ފެށިގެން ފައިސާ ނެގޭނެ އެވެ.
ހަތް ސީޓާއި 10 ސީޓާ ދެމެދުގެ އުޅަނދުތަކަށް ކަނޑައެޅި އަގުތައް
އެތެރޭގެ ދަތުރުތައް - 45ރ.

- މާލެއިން ހުޅުމާލެ އެއްވަނަ ފިޔަވައްސަށް (ފޭސް ވަން) - 130ރ.
- މާލެއިން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް (ފޭސް ޓޫ) - 150ރ.
- މާލެއިން އެއާޕޯޓަށް - 110ރ.
- ހުޅުމާލޭ ފޭސް ވަން އިން ފޭސް ޓޫ އަށް - 60ރ.
- ހުޅުމާލޭ ފޭސް ވަން އިން އެއާޕޯޓަށް - 125ރ.
- ހުޅުމާލެ ފޭސް ޓޫ އިން އެއާޕޯޓަށް - 155ރ.
- ޑޮމެސްޓިކް ޓާމިނަލަށް ދަތުކުރާ ނަމަ - އެއާޕޯޓު ދަތުރު އަގުގެ އިތުރަށް 15ރ.
- ތިން ލަގެޖަށް ވުރެ އިތުރުވާ ކޮންމެ ލަގެޖަކަށް - 5ރ.
ޓްރާންސްޕޯޓުން ބުނި ގޮތުގައި މި އަގުތައް ކަނޑައެޅީ ދަތުރުކުރެވޭ ސަރަހައްދާއި ޕެޓްރޯލް ހަރަދާއި އެފަދަ ކަންކަމަށް ރިއާޔަތްކޮށް ޓެކްސީ ޑްރައިވަރުންނާއި ހިދުމަތް ލިބިގަންނަ އާންމު ފަރުދުންގެ މަސްލަހަތަށް ބުރޫނާރާނެ ފަދަ ވިސްނުމެއްގަ އެވެ. އަދި މި އަގުތަކަށް އަމަލުކުރޭތޯ ފުލުހުންނާ ގުޅިގެން އެ ވުޒާރާއިން ވަރަށް ގާތުން ބަލަމުން ދާނެ ކަމަށް ބުންޏެވެ.
އޭގެ އިތުރުން ވެލާނާ އެއާޕޯޓު ހިންގާ ސަރުކާރުގެ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ގުޅިގެން, ޓެކްސީތަކުގެ އަގުތައް ފަސޭހައިން ފެންނާނޭ ފަދައިން އެއާޕޯޓުގައި ބޯޑު ހަރުކުރެވޭނެ ކަމަށް ޓްރާންސްޕޯޓުން ބުނެފައިވެ އެވެ.












