ރާއްޖޭން ބޭރުގެ މަންޒިލުތަކަށް ކުރާ ދަތުރު އިތުރުކުރުމަށް މޯލްޑިވިއަންއަށް އެއާބަސް މަތިންދާބޯޓެއް ހޯދަން އިއުލާނުކޮށްފި އެވެ.
އެ އެއާލައިނުން މިފަހަރު އިއުލާނުކުރީ އޭ-319 ނުވަތަ އޭ-320 މަރުކާގެ އެއް ބޯޓު ހޯދުމަށެވެ. މި ބޯޓު މޯލްޑިވިއަނުން ކުއްޔަށް ނަގާނީ ތިން އަހަރު ދުވަހުގެ މުއްދަތަށެވެ.
މެއި 29, ގެ ނިޔަލަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ފްލައިޓްގެ ދަތުރުތައް ތެރޭގައި ފެށޭ މިންވަރަށް އެއާކްރާފްޓު ފޯރުކޮށްދޭން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
އެއާލައިނާސް ނެޓްއިން ހާމަކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިއަހަރުގެ ތެރޭގައި އޭ-319 މަރުކާގެ ބޯޓެއް ކުއްޔަށް ހިފާނަމަ މަހެއްގެ މައްޗަށް 270،000 އެމެރިކާ ޑޮލަރަށް ވުރެ އިތުރަށް ހޭދަވާނެ އެވެ. އަދި އޭ-320 މަރުކާގެ ބޯޓެއް ކުއްޔަށް ހިފާނަމަ މަހެއްގެ މައްޗަށް 340،000 އެމެރިކާ ޑޮލަރަށްވުރެ އިތުރަށް ހޭދަކުރަންޖެހޭނެ އެވެ.
މޯލްޑިވިއަން އިން އާ 330-200 ގެ ވައިޑް ބޮޑީ އެއް މަތިންދާ ބޯޓު ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހޯދުމަށް މިދިޔަ އަހަރުގެ ޑިސެމްބަރުގައި އިއުލާނު ކުރި އެވެ.

އެ އެއާލައިންގެ ފްލީޓްގައި މި ވަގުތު ޖުމްލަ 25 ފްލައިޓް އެބަ އޮތެވެ.











