ހުސްވެފައިވާ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހަސަން ޒަރީރު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
ނަވާރަވަނަ މަޖިލީހުގެ އެންމެ ފަހު ޖަލްސާ މިއަދު ބޭއްވިއިރު އެ މަގާމަށް ޒަރީރު އައްޔަނުކުރުމަށް ފެންނަ ކަމަށް 45 މެމްބަރުން ވޯޓު ދެއްވި އެވެ. އޭނާ މިވަގުތު ހުންނެވި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުން ބޯޑުގެ ޗެއާޕާސަންގެ މަގާމުގަ އެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގައި ބަޔާންކޮށްފައިވާ ޓެކްސް ކޮމިޝަނަރުގެ ޝަރުތުތަކުގެ ތެރޭގައި ސަރުކާރު ނުވަތަ އެހެން ކުންފުންޏެއްގައި ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކު ކަމުގައި ނުވުން ހިމެނެ އެވެ. އެހެންކަމުން, އޭނާއަށް ޓެކްސް ކޮމިޝަނަރަކަށް ވެވޭނީ ބީއެމްއެލް ބޯޑުން އިސްތިއުފާ ދިނުމަށް ފަހު އެވެ.
އެ މަގާމަށް އައްޔަން ކުރުމަށް ޓަކައި ރުހުން ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ދެ ނަމުގެ ތެރެއިން އެމަނިކުފާނު އިސްކަން ދެއްވި، ކުރީގެ ކަމިޝަނަރު ޔަޒީދު މުހައްމަދު އަށެވެ. އޭގެ ބަދަލުގައި އެ މަގާމަށް އައްޔަންކުރަން ކޮމިޓީން ރުހުން ދިނީ ދެވަނައަށް އޮތް ޒަރީރުއަށެވެ.
ޒަރީރަކީ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ކުރިން އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ އުފެއްދުމުގައި ވެސް އޭނާ އިސް ދައުރެއް އަދާ ކުރެއްވި އެވެ. އޭގެ ކުރިން މަސައްކަތް ކުރެއްވީ ފައިނޭންސް މިނިސްޓްރީގަ އެވެ.

އޭނާއަކީ މާސްޓާސް އޮފް ސައިންސް، ފައިނޭންސް ހާސިލްކޮށްފައިވާ ބޭފުޅެވެ. އޭގެ އިތުރުން އެކައުންޓިން އިން ޑިގްރީއެއް ވެސް ހާސިލް ކުރެއްވި އެވެ.











