ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ލަފާ އެރުވުމަށާއި ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ޒުވާނުންގެ ވިސްނުމާއި އުންމީދުތައް ހިމެނުމަށް "ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒާސް" ބޯޑު އެކުލަވައިލިތާ ދެ މަސް ވީއިރު، ރައީސްއާއެކު އެއްވެސް ބައްދަލުވުމެއް ބާއްވާފައިނުވާކަން އެނގިއްޖެ އެވެ.
ޔޫތް އެޑްވައިޒާސް ބޯޑު އެކުލަވާލާފައިވާކަން ޔޫތް މިނިސްޓްރީން އިއުލާނުކުރެއްވީ މިދިޔަ މާޗު 5، ގައި އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. ނަމަވެސް، ބޯޑު އިފްތިތާހުކޮށްފައިނުވާ އިރު، މިހާތަނަށް ޔޫޒް އެޑްވައިޒާސް ބޯޑާއެކު ރައީސް އެއްވެސް ބައްދަލުވުމެއް ބާއްވާފައިނުވާ ކަމަށް އެ ބޯޑުގެ މެމްބަރަކު މި ނޫހަށް މައުލޫމާތުދިނެވެ.
ޕްރެޒިޑެންޝަލް ޔޫތް އެޑްވައިޒާސް ބޯޑުގެ މެމްބަރުން
- ރައީސުލްޖުމުހޫރިއްޔާ އައްޔަނު ކުރައްވާ އަންހެން ބޭފުޅެއް
- ރައީސުލްޖުމުހޫރިއްޔާ އައްޔަނު ކުރައްވާ ފިރިހެން ބޭފުޅެއް
- ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ޒުވާނެއް
- އިގުތިސާދީ ދާއިރާގެ ޒުވާނެއް
- ޖަމިއްޔާތައް ރަމްޒުކުރާ ޒުވާނެއްގެ
- ސްޕޯޓްސް މިނިސްޓްރީން ކަނޑައަޅާފައިވާ އަންހެން އެތްލީޓެއް
- ސްޕޯޓްސް މިނިސްޓްރީން ކަނޑައަޅާފައިވާ ފިރިހެން އެތްލީޓެއް
- ގައުމީ ޔުނިވާސިޓީ، އިސްލާމިކް ޔުނިވާސިޓީ އަދި އަމިއްލަ ކޮލެއްޖެއްގެ ދަރިވަރުންގެ ޖަމިއްޔާތަކުގެ ރައީސުން
އެ ބޯޑުގެ މެމްބަރުންނަށް ލިބިގެންދާނެ ފުރުސަތުތަކުގެ ތެރޭގައި ހަފްލާތަކަށް ދައުވަތު ދިނުމާއި ރާއްޖޭގެ ބޭރު ގައުމުތަކުގައި ރާއްޖެ ތަމްސީލު ކުރުމުގެ ފުރުސަތުގެ އިތުރުން ޒުވާނުންނާއި ގުޅުންހުރި ކަންކަމުގައި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒާސް ބޯޑުން ހުށަހަޅާ ކަންކަން ކެބިނެޓަށް ހުށަހަޅައި މަޝްވަރާ ކުރުން ހިމެނެ އެވެ.
"ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒާސް" ބޯޑުގެ ނަމުގައި ބޯޑެއް އުފެއްދެވުމަށް ޑިސެމްބަރު 25، 2023 ގައި ރައީސް ނިންމެވީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހެވެ.












