މިނިސްޓަރެއްގެ ފެންވަރުގައި ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނަސީރު ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފައިވަނީ މިދިޔަ ހަފުތާގަ އެވެ. ސަރުކާރުގެ އޮފިޝަލަކު ކަށަވަރުކޮށްދީފައިވާ ގޮތުގައި ނަސީރު ދެން މަސައްކަތް ކުރައްވާނީ އެމްބެސެޑާ އެޓް ލާޖުގެ ގޮތުގަ އެވެ.
ސަރުކާރުގެ މާލީ ކަންކަމުގެ ދުވެލި އަވަސްކުރުމަށް ކަމަށް ބުނެ ނަސީރުގެ އިތުރުން ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު މުނައްވަރު މާލީ ވުޒާރާގެ އެޑްވައިޒަރުންގެ ގޮތުގައި އައްޔަންކުރީ މިދިޔަ ޑިސެމްބަރު މަހުގެ 12 ގަ އެވެ.
ނަސީރު ފޮރިން މިނިސްޓްރީއަށް ބަދަލުކުރި ސަބަބެއް އަދި ސާފެއް ނޫނެވެ. އެކަމަކު މި ސަރުކާރުން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުނު ފަހުން ކުރިން މަގާމުތަކުން ވަކިކޮށްފައި ތިބި މީހުން މަގާމުތަކަށް އައްޔަންކޮށް، ބައެއް މަގާމުތަކުގައި ތިބި މީހުން ބަދަލުކުރަމުންނެވެ.













