ގަލޮޅު އުތުރު ދާއިރާގެ ޕީއެންސީ މަޖިލިސް ޕްރައިމަރީ ކާމިޔާބުކޮށް އެ ޕާޓީގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރާ މުހައްމަދު އަފްތާބު (އާޕް) އަށް ތާއީދު ނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިކަން އިއްޔެ ރިޕޯޓުކުރި އެވެ.
އެކަމުގެ މައުލޫމާތު އެނގޭ، އާޕްއާ ވަރަށް ގާތް މީހަކު "އަދަދު" އަށް ބުނީ އާޕްއަށް ކުރި ތާއީދު އަނބުރާ ގެންގޮސް މިހާރު ރައީސް މުއިއްޒު ތާއީދު ކުރައްވަން ނިންމަވާފައި، ވަނީ ޕްރައިމަރީގައި ބަލިވުމުން، މިހާރު އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރާ އާމިނަތު މިޔާދާ (އާނަ) އަށް ކަމަށެވެ.
"ފުރަތަމަ ވެސް ތާއީދެއް ރައީސް ނުކުރެއްވި [އާޕް] އަށް، އެކަމަކު ލީޑަޝިޕާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު އެކަން، ގުޅުން ރަނގަޅުވި، އެހެން ނަމަވެސް މިހާރު އަނެއްކާވެސް ރައީސް ނިންމާފައި ވަނީ އާޕްއަށް ތާއީދު ނުކޮށް އާނައަށް ތާއީދުކުރަން،" އެ މީހާ ބުންޏެވެ.
ޕީއެންސީ ޕްރައިމަރީގައި އާނައަށް ލިބުނީ އެންމެ 30 ވޯޓެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް އަމިއްލަ ގޮތުން ވާދަކުރާ އާނައަށް ރައީސް މުއިއްޒު ތާއީދު ކުރެއްވުމަށް ނިންމަވާފައި ވާއިރު، ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ވެސް އާނަ ބައިވެރިވި އެވެ. މާލެ ސަރަހައްދުގެ ހުރިހާ ކެންޑިޑޭޓުން ބައިވެރިވި އެ ޖަލްސާގައި ޕީއެންސީ ޓިކެޓުގައި ގަލޮޅު އުތުރަށް ވާދަކުރާ އާޕް ބައިވެރިއެއް ނުވެ އެވެ.














