ލ. ގާދޫގައި އެމްޕީއެލް އިން އަޅާ މެރިޓައިމް ހަބުގެ މައުލޫމާތު ދޭން އެ އަތޮޅު ފޮނަދޫގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އިސް ވަޒީރުގެ ހައިސިއްޔަތުން، އެ ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓު އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެންފި އެވެ.
އެމްޕީއެލް އިން ބުނީ އެ ބައްދަލުވުމަކީ ހަބުގެ މައުލޫމާތު ރައްޔިތުންނަށް ދޭން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އެ ބައްދަލުވުމުގައި ރައީސްގެ އިސް ވަޒީރު އަބްދުއްރަހީމް ބައިވެރިވެވަޑައިގެންނެވިކަން އެމްޕީއެލް އިން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
އަބްދުއްރަހީމާއެކު ފޮނަދޫ ދާއިރާއަށް ފަސް ކެންޑިޑޭޓަކު ވާދަ ކުރެ އެވެ. އެއީ އިދިކޮޅު އެމްޑީޕީގެ ހުސެއިން އަބޫބަކުރާއި ދަ ޑިމޮކްރެޓްސްގެ އަޒްލިފާ ޔޫސުފާއި އަމިއްލަ ގޮތުން ވާދަ ކުރާ އިބްރާހިމް އަނީސް އާއި އައިމިނަތު ޝާކިރާ އެވެ.
ސަރުކާރުން ބުނެފައި ވަނީ ގާދޫގައި އަޅަނީ ބަންކަރިންގެ ހިދުމަތް ދެވޭ ފެންވަރުގެ ޓްރާންސްޝިޕްމަންޓް ބަނދަރެއް ކަމަށެވެ. އޭގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ 100 ދުވަހު ފަށާނެ ކަމަށް ވެސް ކުރިން ބުނެފައިވެ އެވެ.
ގާދޫއަކީ ހިމާޔަތްކޮށްފައި އޮންނަ ރަށެކެވެ. އެ ރަށުގައި ބަނދަރު އަޅަން ނިންމުމުން ތިމާވެށީގެ ދިފާއުގައި މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

ގާދޫ އަކީ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އެ ރަށުގެ މީހުން ލ. ފޮނަދު އަށް ބަދަލުކުރީ 2016 ގަ އެވެ. ގާދޫގެ ދެކުނު ފަރާތާއި ހުޅަނގު ފަރާތުގެ ގޮނޑުދޮށަކީ ވެލާ، ކަހަނބު ބިސްއަޅާ، ވިހާ އާލާވާ ކަމަށް ޒަމާނުންސުރެ ފާހަގަކޮށްލެވޭ ސަރަހައްދެކެވެ. ރަށުގެ ވަށައިގެންވާ މޫދުވިނަ ސަރަހައްދުން ހަ ބާވަތެއްގެ މޫދު ވިނައާއި، 91 ބާވަތެއްގެ ފަރުމަސް ފެނިފައިވާ ކަމަށް ރެކޯޑުކުރެވިފައިވެ އެވެ. މި ހިތްގައިމު ރަށުގައި މީރު ފެން ކުޅިއެއް ވެސް އޮވެ އެވެ.












