އެޑިއުކޭޝަން މިނިސްޓްރީއަށް އިތުރު ނައިބަކު އައްޔަނު ކުރައްވައިފި އެވެ.
އެޑިއުކޭޝަންގެ ނައިބަކަށް މާޗު 13، ވަނަ ދުވަހު އައްޔަނު ކުރެއްވީ އެމްޑީޕީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި މުހައްމަދު ސަހުރީދު އެވެ.
މިއަދު ރަސްމީކޮށް މަސައްކަތަށް ނިކުންނެވި ސަހުރީދު "އަދަދު" އަށް ވިދާޅުވީ ސިޔާސީ ވިސްނުމަކީ ވަރަށް ތަފާތު އެއްޗެއް ކަމަށާއި، ސަރުކާރު ފަޅިން ހުށަހެޅުން ލިބުމާއެކު ގަބޫލުކުރަން ނިންމެވީ ކަމަށެވެ.
"އަޅުގަނޑަށް ސަރުކާރު ފަޅިން އެޕްރޯޗު އައުމާއެކު އަޅުގަނޑު ޔެސް ދެންނެވީ،" ސަހުރީދު ވިދާޅުވި އެވެ.
ސަހުރީދު ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ބިލެއްދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރެއްވުމުގެ އިތުރުން، ފ،އަތޮޅު ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބުވެފަ އެވެ.

ސަހުރީދުއާއެކު އެޑިއުކޭޝަންގައި ނައިބުން ގޮތުގައި މިހާރު ހަތް ބޭފުޅުން އެބަ ތިއްބެވި އެވެ. ނަމަވެސް ސަހުރީދު އައްޔަނު ކުރެއްވިކަން ރައީސް އޮފީހުގެ ވެބްސައިޓަށް އަދި އަޕްޑޭޓުކޮށްފައެއް ނެތެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން އަންނަނީ މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މަގާމުތަކުގެ ޖުމްލަ އަދަދު 700 އިން މައްޗަށް ނުދާނެ ކަމަށެވެ. ނަމަވެސް ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުންގެ އަދަދާއި ތަފްސީލު ހާމަކުރައްވަން ރައީސް އޮފީހުން ވަނީ ދެކޮޅު ހަދާފަ އެވެ.












