ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި އެވެ.
އެސްޓީއޯގެ ބޯޑުގައި ތިބެނީ ސަރުކާރު ނުވަތަ މައި ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ހަ ޑިރެކްޓަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ އެއް ޑިރެކްޓަރެވެ. އެސްޓީއޯއިން, އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އޭޕްރީލް 8, ގެ ނިޔަލަށެވެ.
ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ބައެއް ޝަރުތުތައް:
- އެސްޓީއޯގެ ހިއްސާދާރަކަށްވުން, ނުވަތަ ހިއްސާދާރުންގެ ގޮތުގައި ހިމެނޭ ކުންފުންޏަކުން ނޮމިނޭޓުކުރާ މީހަކަށްވުން
- ދިވެހި ރައްޔިތަކަށްވުން
- އުމުރުން 30 އަހަރު ފުރިފައިވުން
- ކުންފުންޏާ ބެހޭ ގާނޫނުގައި, ބޯޑު ޑިރެކްޓަރެއްގެ ހުންނަންވާނެ ކަމަށް ބުނާ ޝަރުތުތައް ފުރިހަމަވުން
- އެމްކިއުއޭ ގަބޫލުކުރާ ޔުނިވާސިޓީއަކުން ވިޔަފާރީގެ ދާއިރާއަކުން ފުރަތަމަ ޑިގްރީއަކާއެކު ފަސް އަހަރުގެ ތަޖުރިބާ ނުވަތަ ޑިޕްލޮމާއަކާއެކު 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން
- ކުންފުނީގެ ވިޔަފާރި އާއި ވިޔަފާރީގެ ދާއިރާތަކާބެހޭ ގޮތުން އަހުލުވެރިވުން
- މާލީ ރިޕޯޓުތައް އނަލައިޒްކުރުމުގެ ގާބިލުކަން ލިބިފައިވުން
- ކުންފުނީގެ ކަންކަމަށާއި ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސަތަކަށް އެކަށީގެންވާ ވަގުތު ދެވޭނެ މީހަކަށްވުން
ބޯޑު ޑިރެކްޓަރުކަމަށް އެދި ހުށަހަޅާ ފޯމު އެސްޓީއޯގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ. މުއްދަތު ހަމަވާއިރު, ހުށަހަޅާ ފޯމުތަކުގެ ތެރެއިން ޝަރުތު ހަމަވާ މީހުން, ކުންފުނީގެ ގައިޑްލައިންތަކާއި ކޯޑުތަކާ އެއްގޮތަށް އިވެލުއޭޓު ކުރުމަށްފަހު އިންޓަވިއު ކުރާނެ އެވެ.
އެއަށްފަހު އެސްޓީއޯގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން ތައްޔާރުކުރާ ރިޕޯޓެއް ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި, ޑިރެކްޓަރުން ކަނޑައަޅާ ގޮތެއްގެ މަތިން ހުށަހަޅާފައިވާ ނަންތައް, ހިއްސާދާރުންނަށް ފޯރުކޮށް އަހަރީ އާންމު ޖަލްސާގައި ވޯޓެއް ނަގާނެ އެވެ.













