ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި ބާތިލް ވޯޓު ގުނާނެ ގޮތް ތަފުސީލުކޮށް، އިންތިހާބުތަކާބެހޭ އާންމު ގަވާއިދަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އިސްލާހުތަކެއް ގެނެސްފި އެވެ.
މީގެ ކުރިން އެ ގަވާއިދުގެ 39 ވަނަ މާއްދާގެ ހ. ގެ ގޮތުގައި އޮންނަނީ ސައްހަ ވޯޓު ކަނޑައަޅާނެ ގޮތުގެ ތަފުސީލުތައް ހިމެނޭ މާއްދާއެކެވެ. ނަމަވެސް އެ މާއްދާގެ ނަން ބާތިލް ވޯޓަށް ބަދަލުކޮށް، މިހާރު އީސީއިން ގެނެސްފައިވާ އިސްލާހުގައި ވޯޓެއް ބާތިލްކުރަން ޖެހޭ ހާލަތްތައް ތަފުސީލުކޮށްފައިވެ އެވެ.
އެ އިސްލާހުތަކާ ގުޅޭގޮތުން "އަދަދު" އާ ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، ބާތިލް ވޯޓު ގިނަވުމަކީ ކޮމިޝަނުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެފަދަ ވޯޓުތައް މަދުކުރަން ދިރާސާ ވެސް ކޮށްފައިވާ ކަމަށެވެ.
އެގޮތުން މިިއަދު ގަވާއިދަށް ގެނައި އިސްލާހުތަކަކީ ދިރާސާއަށް ބަލައި ގެނެސްފައިވާ އިސްލާހުތަކެއް ކަމަށް ހަބީބު ވިދާޅުވި އެވެ. އަދި މަޖިލިސް އިންތިހާބަށް ދެމުންދާ ޓްރެއިނިން ތަކުގައި ވެސް، ހާއްސަކޮށް ރިޔާސީ އިންތިހާބުގައި ދިމާވި ކަންކަމަށް ރިއާޔަތް ކޮށް ބާތިލް ވޯޓު ކަނޑައަޅާނެ މިންގަނޑެއް ކިޔައިދީފައިވާނެ ކަމަށާއި އެކަންކަން ކޮމިޝަނުން ފާސްކޮށް ގާނޫނުގައި ހިމެނީ ކަމަށް ހަބީބު ވިދާޅުވި އެވެ.
"ގާނޫނުގެ ރޫހާއި ވޯޓުލާ މީހާގެ ނިޔަތާ، މިކަންކަމަށް ރިއާޔަތްކޮށް ބާތިލް ވޯޓު ވީހާ ވެސް މަދުކުރަން [އިސްލާހު ގެނައީ] ކޮންމެ މީހަކުވެސް ސައްހަ ވޯޓެއްގެ ގޮތުގައި ވޯޓުލާން ދެއްތޯ މި އަންނަނީ، މަދުހާލަތެއްގަ މެނުވީ،" އޭނާ އިތުރަށް ވިދާޅުވި އެވެ.

މިހާރު ގެނެސްފައިވާ އިސްލާހުގެ ދަށުން ބާތިލު ވޯޓެއް ގޮތުގައި ގުނޭނީ:
- އީސީއިން ތައްޔާރުކުރާ ކަރުދާސް ނޫން ކަރުދާހެއްގައި ދޭ ވޯޓު
- އެއްވެސް ކެންޑިޑޭޓެއްގެ ނަމާއި ދިމާގައި ފާހަގަ ނެތް ވޯޓު
- ގާނޫނާ ހިލާފަށް ދީފައިވާ ވޯޓެއްކަން އިނގޭ ވޯޓު
- ވޯޓުދޭ ކެންޑިޑޭޓު ކަށަވަރުނުވާ ވޯޓު
- އެއް ކެންޑިޑޭޓަށްވުރެ ގިނަ ކެންޑިޑޭޓުންނާއި ދިމާގައި ރަނގަޅު ފާހަގަޖަހާފައިވާ ވޯޓު
- އެއް ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖެހުމަށްފަހު އެހެން ލިޔުންތަކާއި ކުރެހުންތައް ހުންނަ ވޯޓު
- އެއް ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި އެއް ފަހަރަށް ވުރެ ގިނައިން ރަނގަޅު ފާހަގަޖަހާފައިވާ ވޯޓު
- ކަޅު ނުވަތަ ނޫ ކުލަ ފިޔަވާ އެހެން ކުލަޔަކުން ފާހަގަ ޖަހާފައިވާ ވޯޓު
ނިމިދިޔަ ގިނަ އިންތިހާބުތަކުގައި ބާތިލް ވޯޓުގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ފަހުބުރުގައި 7،888 ވޯޓު ބާތިލުކަމަށް ގުނިއިރު، 17،442 މީހުން ނިކުމެ ވޯޓުދިން މާލެ ސިޓީ ކައުންސިލުގެ ބައި އިލެކްޝަނުގައި ވެސް 402 ވޯޓު ބާތިލުވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ވޯޓު ބާތިލުކުރުމަށް ބާރުއަޅާ ސޯޝަލް މީޑިއާ ކެމްޕޭނެއް ވެސް ކުރިއަށް ގެންދިޔަ އެވެ.












