ކުރީ ސަރުކާރުން 61 ރަށެއްގައި ފުލުސް ސްޓޭޝަން އަޅަން އިންޑިއާ ބަޔަކާ ހަވާލުކުރުމުގައި ހުރި ގޯސްތައް ތަހުގީގުކުރަނީ

ކުރީ ސަރުކާރުން 61 ރަށެއްގައި ފުލުސް ސްޓޭޝަން އަޅަން އިންޑިއާ ބަޔަކާ ހަވާލުކުރުމުގައި ހުރި ގޯސްތައް ތަހުގީގުކުރަނީ

ރާއްޖޭގެ 61 ރަށުގައި ޕޮލިސް ސްޓޭޝަން އަޅަން މިދިޔަ ސަރުކާރުން އިންޑިއާގެ ކުންފުންޏަކާ ހަވާލު ކުރުމުގައި ބޮޑެތި އޮޅުވައިލުންތަކެއް ހުރި ކަމަށް ބެލެވޭތީ ފުލުުހުން އެކަން ތަހުގީގުކުރަން ފަށައިފި އެވެ.

ހޯމް މިނިސްޓަރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކައްކަވަމުން ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް، އިސްމާއިލް ނަވީން ވިދާޅުވީ މައްސަލައެއްގެ ގޮތުގައި ފުލުސް ސްޓޭޝަންތައް އެޅުމަށް އެއްބަސްވި އެއްބަސްވުމުގެ މައްސަލަ އެ އިދާރާއިން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެ މައްސަލައިގެ ތަފުސީލު ދެއްވަމުން ހޯމް މިނިސްޓަރު، އަލީ އިހުސާން ވިދާޅުވީ ރާއްޖޭގެ 61 ރަށުގައި ޕޮލިސް ސްޓޭޝަންތައް އެޅުމަށް 41.18 މިލިއަން އެމެރިކާ ޑޮލަރުގެ މަޝަރޫއެއް ރާއްޖޭގައި ހިންގުމަށް އިންޑިއާގެ އިންދިރާ ޕްރޮޖެކްޓްސް ކިޔާ ކުންފުންޏަކުން އޯގަސްޓު 26، 2019 ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

އެ ކުންފުންޏަށް ރާއްޖޭގައި އެ މަޝްރޫއު ކުރިއަށް ގެންދެވިދާނެ ކަމަށް ދިވެހި ސަރުކާރުން އޭރު ފެހި ސިގުނަލެއް ދިނުމުން އެ ޕްރޮޖްކްޓުގެ 85 ޕަސެންޓު ފައިނޭންސް ކުރާނީ އިންޑިއާގެ އެގްޒިމް ބޭންކު މެދުވެރިކޮށް ކަމަށާއި ރާއްޖޭން ހަރަދު ކުރަންޖެހޭނީ ޕްރޮޖެކްޓުގެ 15 އިންސައްތަ ކަމަށް އެއްބަސްވެފައި އޮތްކަން ލިޔުންތަކުން ފެންނަން އެބަހުރި ކަމަށް އިހުސާން ވިދާޅުވި އެވެ.

އެއަށްފަހު އޮކްޓޫބަރު 12، 2022 ގައި ޕްރޮޖެކްޓު ހިންގުމަށް އެއްބަސްވި އިންދިރާ ޕްރޮޖެކްޓްސް ކުންފުނި، އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ކިޔާ ޖޭވީ ކިޔާ ޕާޓުނާޝިޕަކަށް ރާއްޖޭގައި ބަދަލުކޮށް، ރެޖިސްޓާ ކުރި މައުލޫމާތު ރިކޯޑުތަކުން ފެންނަން އެބަހުރި ކަމަށް އިހުސާން ވިދާޅުވި އެވެ.

"މި މައުލޫމާތުގެ އަލީގައި ދެން ސަރުކާރުން ޑީލް ކުރަން ފަށާފައި މި އޮންނަނީ މި ދެންނެވި ޖޮއިންޓު ވެންޗާ ކުންފުންޏަށް ނުވަތަ ޕާޓުނާޝިޕާ އެކުގައި، އެއްވެސް ފައިސާއެއް އިންޑިއާގެ އެގްޒިމް ބޭންކަން ނުލިބޭ އޭރަކު ވެސް ދިވެހި ސަރުކާރަކަށް އެހެން އޮއްވައި 7 މާޗު 2023 ގައި ސަރުކާރުން ދައްކައިފި މި ދެންނެވި ކުންފުންޏަށް 3.6 މިލިއަން ޔޫއެސް ޑޮލަރު،" އެ ކުންފުންޏަކީ ރާއްޖެއަށް ބޭރުން ފައިސާ ގެނެސް ޕޮލިސް ސްޓޭޝަންތަކެއް އެޅުމުގެ މަސައްކަތް ކުރަން ހަވާލު ކޮށްފައި އޮތް ކުންފުންޏެއް ނަމަވެސް ފުރަތަމަ އެ ކުންފުންޏަށް ފައިސާ ދިނީ ސަރުކާރުން ކަން ފާހަގަ ކުރައްވައި އިހުސާން ވިދާޅުވި އެވެ.

ދިވެހި ސަރުކާރުން އެ ކުންފުންޏަށް ފައިސާ ދެއްކުމަށް ފަހުގައި ވެސް ފުލުސް ސްޓޭޝަންތައް އެޅުމުގެ އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައި ނުވާ ކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ އެކަން އެހެން އޮއްވައި އޭޕްރިލް 23، 2023 ގައި އެ ޕްރޮޖްކްޓު ހިންގުމަށް އިންޑިއާގެ އެގްޒިމް ބޭންކުން ދޭގޮތަށް ހަމަޖެހިފައި އޮތް ލޯނު ފައިސާ ނުދޭން މިހާރު ނިންމާފައިވާ ކަމަށް އިންދިރާ ޕްރޮޖެކްޓްސް އިން ރާއްޖެއަށް އަންގާފައިވާ ކަމަށެވެ.

އެފަހުން ކުރެވުނު އެއްވެސް މުއާމަލާތެއްގެ އަލީގައި ދިވެހި ސަރުކާރުން އިންދިރާ ޕްރޮޖެކްޓްސްއަށް ދިން ފައިސާއަށް ވީގޮތެއް ވެސް އަދި ސާފު ނުވާކަމަށާއި އެ ޕްރޮޖެކްޓު ވެސް އެއްވެސް ވަރަކަށް ކުރިއަށް ނުދާ ކަމަށް އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ އެކަން އެހެން ހިނގަހިނގައި އޮއްވައި އޯގަސްޓު 13، 2023 ގައި 61 ފުލުސް ސްޓޭޝަން އެޅުމަށް ހިލޭ އެހީގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ދޭނެ ކަމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް އަންގާފައިވާކަން ލިޔެކިޔުންތަކުން ފެންނަން ހުރި ކަމަށް އިހުސާން ވިދާޅުވި އެވެ.

"ދެން އޭރުގައި 24 އޯގަސްޓު 2023 ގައި ފިނޭންސް މިނިސްޓަރީން ފުލުހުންނަށް އަންގާފައި އެބައިން، އެހެންވީމާ އެ ލާރިއަކީ، ކުރިން އެޑްވާންސަށް ދެވުނު ލާރިއަކީ މި ލިބުނު ހިލޭ އެހީގެ ދަށުން ލިބުނު އެހީގެ ގޮތުގައި ހަމަޖައްސާލާށޭ، އޭގެން ފުލުސް ސްޓޭޝަންތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާށޭ،" އިހުސާން ވިދާޅުވި އެވެ.

"އަޅުގަނޑު މިއުޅެނީ އަދިއަދަށް ދާންދެން ވެސް މިދެންނެވި ކުންފުނި ހުރިތަނެއް ވެސް ކުންފުންޏާ ވާހަކަދައްކަންޖެހޭ މީހެއް ވެސް އެ ކުންފުނި ފަރާތުން މިދެންނެވި ޕޮލިސް ސްޓޭޝަންތައް އަޅަން ކުރިއަށް ދާންޖެހޭ ގޮތް ވެސް އަދި ނުހޯދިގެން،"

އިހުސާން ވިދާޅުވީ އެ މަސައްކަތުގެ ތަފުސީލުތައް ބަލަން ޖެހުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުތަކުގައި ބައްދަލުވާ ކައުންސިލުތަކުންނާއި ރައްޔިތުންގެ ފަރާތުން އެ ފުލުސް ސްޓޭޝަންތަކުގެ ޝަކުވާ އަންނާތީ ކަމަށެވެ.

"މިހެން އޮއްވައި 20 ޖެނުއަރީ 2024 ގައި، މީގެ އެއްމަސް ކުރިން އެބައޮތް އެ ކުންފުނިން އަންގާފައި، މިހާރު އެ ޖޮއިންޓު ވެންޗާ ކުންފުނި ވެސް ރޫޅިއްޖެޔޭ، މިކަމަށް ހެދި ޖޮއިންޓު ވެންޗާ ވެސް ރޫޅިއްޖެޔޭ، އެހެންވީމާ މިހާރު އަނެއްކާވެސް އިންދިރާ ޕްރޮޖެކްޓްސް ކިޔާ ކުންފުނި އެކަންޏޭ އޮތީ،" އިހުސާން ވިދާޅުވި އެވެ.

މައްސަލައެއްގެ ގޮތުގައި އެކަން ތަހުގީގު ކުރަމުންދާކަން މިއަދު އިއުލާނު ކުރި ނަމަވެސް ފުލުހުންގެ ފަރާތުން އެކަމާ ގުޅޭގޮތުން މިއަދުގެ ޕްރެސްގައި އިތުރު މައުލޫމާތެއް ނުދެ އެވެ. ފުލުހުން ބުނީ އެ މައްސަލައިގެ އިތުރު ތަފުސީލު އަންނަ އާދީއްތަ ދުވަހު މީޑިއާތަކާ ހިއްސާ ކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox