ކުނި މެނޭޖުކުރަން ފެށި "މަގޭ ސާފު ރާއްޖެ" ޕްރޮގްރާމަށް ދެ ބިލިއަން ރުފިޔާ ބޭނުންވޭ: ތޯރިގު

އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އެެހެން ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ: ތޯރިގު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ފަސް އަހަރުގެ ތެރޭގައި "މަގޭ ސާފު ރާއްޖެ" ޕްރޮގްރާމު ތަންފީޒުކޮށް ނިންމުން ކަމަށް -- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އެެހެން ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ: ތޯރިގު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ފަސް އަހަރުގެ ތެރޭގައި "މަގޭ ސާފު ރާއްޖެ" ޕްރޮގްރާމު ތަންފީޒުކޮށް ނިންމުން ކަމަށް -- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ރަށްރަށުގެ ކުނި މެނޭޖުކުރަން ސަރުކާރުން ފެށި "މަގޭ ސާފު ރާއްޖެ" ޕްރޮގްރާމުގެ ދަށުން ފަސް އަހަރުގެ ތެރޭގައި ކުރަން ރާވާފައިވާ ހުރިހާ މަސައްކަތްތަކަށް ދެ ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ 100 ދުވަހުގެ މަގުޗާޓު، "ހަފުތާ 14" ގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީއާ ހަވާލުކުރި މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތޯރިގު މިހެން ވިދާޅުވީ ރަށްރަށުގެ ކުނި މެނޭޖުކުރުމުގެ ގައުމީ މަޝްރޫއު އެކުލަވާލާ ތަންފީޒުކުރަން ފެށުމުގެ ވައުދު ފުއްދުނު ކަމަށް ފާހަގަ ކުރައްވަމުންނެވެ.

އެގޮތުން، ސަރުކާރުން ފެށި "މަގޭ ސާފު ރާއްޖެ" ޕްރޮގްރާމުގެ ދަށުން ރަށްރަށުން ބޭރުކުރަން ޖެހޭ ކުނި ގެންގޮސް ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ނައްތާލެވޭނެ ސަރަހައްދީ މަރުކަޒުތަކެއް ތަރައްގީކުރުމާއި ސަރަހައްދީ މަރުކަޒުތަކާއި ރަށްތަކާ ދެމެދު ކުނި ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެ އެވެ.

އެ މަސައްކަތުގެ އިތުރު ތަފުސީލު ދެއްވަމުން ތޯރިގު ވިދާޅުވީ މިހާރުގެ ސިޔާސަތު އެކުލަވާލީ މާޒީގައި ލިބުނު ތަޖުރިބާއަށް ބަލައިގެން ވަށާޖެހޭ ގޮތަކަށް ކުނި ނައްތާލުމުގެ ނިޒާމުތަކެއް ހުރިހާ ރަށެއްގައި ގާއިމުކުރާ ގޮތަށް ކަމަށެވެ. އެގޮތަށް ރަށްރަށުގައި ގާއިމުކުރާ ކުނި ނައްތާލާ ނިޒާމުތައް ފަރުމާކުރާނީ އެ ރަށަކަށް ހާއްސަކުރެވިގެން، އެކަމަށް ބޭނުންވާ ދިރާސާތައް ކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ތެރޭގައި ހަމަ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ އެ ރަށަކަށް ބޭނުންވާ ކުނި މެނޭޖުކުރާ މަރުކަޒަކީ ވެސް އެއީ އެ ރަށެއްގެ ކުޑަބޮޑުމިނުން އެއަށް ޑިޒައިން ކުރެވިގެން ހެދޭނެ ތަނެއް. އަދި އެ ރަށަށް ބޭނުންވާ އިކުއިޕްމަންޓަކީ ވެސް ކޮންމެ ރަށަކަށް ނޫނިއްޔާމުން ކޮންމެ ދާއިރާއަކަށް ބައެއް ރަށްރަށަށް އެކި ވަރުގެ ނޫނީ އެކި ސައިޒުތަކުގެ ކުނި މެނޭޖުކުރާ އިކުއިޕްމަންޓު ގެންނަން ޖެހެނީ،" ތޯރިގު ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ތެރޭގައި 100 ރަށެއްގައި ކުނި ކޮށިތައް ގާއިމުކުރުމުގެ މަސައްކަތް ފެށުމެވެ. އޭގެ ތެރޭގައި ހިމެނެނީ، ތޯރިގު ވިދާޅުވި ގޮތުގައި، މުޅިން އަލަށް ކުނި ކޮށި ގާއިމުކުރާ 54 ރަށަކާއި މިހާރު ހުރި ކުނި ކޮށިތައް އަޕްގްރޭޑު ކުރުމުގެ މަސައްކަތް ފަށާ 46 ރަށެކެވެ. ހަމައެހެންމެ ކުނި މެނޭޖުކުރަން ބޭނުންވާ އުޅަނދުތަކާއި އާލާތްތައް ވެސް ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަތް ސަރަހައްދަކަށް ބަހާލައިގެން ކުނި މެނޭޖުކުރާ ގޮތަށް ރާވާފައިވީ ނަމަވެސް މިހާތަނަށް ސަރަހައްދީ ކުނި މެނޭޖުކުރާ މަރުކަޒުތައް ގާއިމުކުރެވިފައި ވަނީ ތިން ސަރަހައްދެއްގަ އެވެ. އެއީ:

  • ރ. ވަންދޫ ވޭސްޓް މެނޭޖުމަންޓް ސެންޓަރު - ނ.، ރ.، ބ. އަދި ޅ.
  • ކ. ތިލަފުށި ވޭސްޓް މެނޭޖްމަންޓް ސެންޓަރު - އދ.، އއ.، ކ. އަދި ވ.
  • އައްޑޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރު - ގއ.، ގދ.، ޏ. އަދި ސ.

އެގޮތުން ވަންދޫގައި ހުރި ސެންޓަރަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ތޯރިގު މިނިސްޓަރަކަށް ހުންނެވި ދުވަސްވަރެއްގައި އޮޕަރޭޝަންތައް ފެށި ތަނެކެވެ. މި ތަނުގައި ހުރި ކުނި އަންދާ އިންސިނަރޭޓަރުން ދުވާލެއްގެ މައްޗަށް 40 ޓަނު ކުނި އަންދާ ޓްރީޓު ކުރެވެ އެވެ. ނަމަވެސް ތަނަށް ބޭނުންވާ އާލާތްތަކާއި އިންސާނީ ވަސީލަތްތައް ފުރިހަމަ ނުވާތީ ފުރިހަމަ އޮޕަރޭޝަނަކަށް ނުގެނެވެ އެވެ.

ތޯރިގު ވިދާޅުވި އެތަނަަށް ބޭނުންވާ ހުރިހާ ސާމާނެއް ހަމަކޮށް، މި އަހަރުގެ ތެރޭގައި އެ ސެންޓަރަކީ ވެސް ވަށާޖެހޭ އޮޕަރޭޝަނަލް ސެންޓަރަކަށް ހަދާނެ ކަމަށެވެ.

ތިލަފުށީގައި ގާއިމުކުރަމުން އަންނަ އިންސިނަރޭޓަރަކީ ދުވާލެއްގެ މައްޗަށް 500 ޓަނުގެ ކުނި އެންދުމާއެކު ވޭސްޓް-ޓު-ހީޓު ނިޒާމުން 11 މެގަވޮޓުގެ ކަރަންޓު އުފައްދާނެ އެވެ. މި ނިޒާމުގެ މަސައްކަތް ވެސް މި އަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް އޭނޭ ވިދާޅުވި އެވެ. އެހެން ނަމަވެސް މިހާރު ވެސް ތިލަފުއްޓަށް 500 ޓަނަށް ވުރެ ގިނައިން ކުނި ގެންދާތީ އެތަން އިތުރަށް ބޮޑުކުރުމުގެ މަސައްކަތް ވެސް ރާވަމުންދާ ކަމަށް ތޯރިގު ވިދާޅުވި އެވެ.

"[ތިލަފުށި ޕްލާންޓް ބޮޑުކުރުމަށް] ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން މިދަނީ. އެއީ ފަންޑު ހޯދުމުގެ މަސައްކަތާއި އަދި އެތަން އިތުރަށް ޕްލޭންކުރެވިގެން ކޮން ގޮތަކަށްތޯ މަސައްކަތް ކުރެވޭނީ. އަދި އޭގެ އިތުރުން ވެސް ފިއުޗާގައި އަދި އިތުރަށް ބޮޑުކުރަން ޖެހޭ ކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވޭތީ އިތުރު ބިން ހޯދުމުގެ މަސައްކަތާއި އިތުރު ޕްލާންޓު ހެދުމުގެ މަސައްކަތް އިރާދަކުރެވިއްޖެއްޔާ އަޅުގަނޑުމެންނަށް މި ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.

އައްޑޫގައި ހުރި ވޭސްޓް-ޓު-ހީޓް އިންސިނަރޭޓަރުގެ މަސައްކަތް ވެސް ނިމިއްޖެ އެވެ. ނަމަވެސް މިތަނަށް ވެސް ބޭނުންވާ އިތުރު ވަސީލަތްތަކާއެކީ ހުރިހާ މަސައްކަތެއް ނިންމާ ފުލީ އޮޕަރޭޝަނަލް ކުރެވޭނީ 2027 ގައި ކަމަށް ތޯރިގު ވިދާޅުވި އެވެ. އަދި މިކަމަަށް ބޭނުންވާ ފައިސާގެ ބޮޑު ބަޔެއް ވެސް އޭޑީއެފްޑީ މެދުވެރިކޮށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހުރިހާ މަސައްކަތަކަށް ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭނުންވާނެ ކަން ފާހަގަކުރައްވަމުން ތޯރިގު ވިދާޅުވީ ފަސް އަހަރުގެ ތެރޭގައި "މަގޭ ސާފު ރާއްޖެ" ޕްރޮގްރާމު ނިންމަން ބޭނުންވާ ފައިސާގެ ތެރެއިން ބޮޑު ބަޔެއް ބޭރުގެ ޖަމާއަތްތަކާ މަޝްވަރާކޮށްގެން ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި އެ ފައިސާ ހިމަނަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްކާތެރި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. އެގޮތުން ރަށްރަށުގައި އުފައްދާ ކުނި ނައްތާލެވޭނެ ނިޒާމުތައް ގާއިމުކުރުމާއި ކުނި އުފުލާ އުޅަނދުތައް ގެނައުމާއި ކުނީގެ ގޮތުގައި އުކާލާ ތަކެތި އަލުން ބޭނުންކުރެވޭނެ ގޮތްތައް ހޯދަން އެކި ސަރުކާރުތަކުން އެކި ވަރުވަރުން ޕްރޮގްރާމުތައް ހިންގި ނަމަވެސް އަދިވެސް މުޅި މައްސަލައަށް ޖުމުލަ ހައްލެއް ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox