ރާއްޖޭގެ އިގުތިސޯދު ކުރިއަރަމުންދިޔަ ނަމަވެސް ދައުލަތުގެ މާލީ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ހަރަދު ކުޑަކުރުމުގެ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފިނޭންސް މިނިސްޓްރީން ދައުލަތުގެ އިދާރާތަކަށް މިއަދު އަންގައިފި އެވެ.
ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ސޮއިކުރައްވައި ނެރުއްވި މާލިއްޔަތާ ބެހޭ ސާކިއުލާގައި ވަނީ ހަތް ދާއިރާއަކުން ހަރަދުތައް ކުޑަކުރުމަށް އަންގަވާފަ އެވެ. އެގޮތުން, އާ މުވައްޒަފުން ނެގުމާއި, މުސާރަ ބޮޑު ކުރުމާއި, އިތުރު ގަޑީގެ ފައިސާއާ ގުޅޭ އެންގުންތަކެއް އެ ސާކިއުލާގައި ހިމަނާފައިވެ އެވެ.
އެގޮތުން, ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި ހަރަދުތައް ނުކުރެވޭ ގޮތަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ.
ފިނޭންސްގެ ސާކިއުލާގައި އަޅަން ނިންމާފައިވާ ފިޔަވަޅުތައް
- އެއްވެސް އާ މަގާމެއް ނުއުފެއްދުން
- މުސާރައިގެ އޮނިގަނޑުތަކަށް އެއްވެސް ބަދަލެއް ނުގެނައުން
- ދޭން ފަށާފައި ނުވާ އާ އެލަވަންސެއް އަހަރުގެ ތެރޭގައި ދޭން ނުފެށުން
- ޕްރޮމޯޝަން ފަދަ އެއްވެސް މަގާމެއްގެ ނަމަށް, ރޭންކަށް, މުސާރަ އަދި އިނާޔަތަށް ބަދަލު ނުގެނައުން
- ރަސްމީ ގަޑީގެ ބޭރުން ކޮންމެހެންް ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުރު ގަޑީގައި މަސައްކަތް ނުކުރުން
އޭގެ އިތުރުން, ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކުގެ ކުރިން ފިނޭންސްގެ ހުއްދަ ހޯދުމަށާއި ރާއްޖެ ތެރޭގައި ކުރާ ވައިގެ އަދި ކަނޑުގެ ދަތުރުތަކުގެ ތެރެއިން 35,000ރ. އަށްވުރެ އިތުރު ދަތުރުތަކަށް ވެސް އެ މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހެ އެވެ.
ގައުމީ ފެންވަރުގައި ކުރިއަށްގެންދާ ސްކޮލާޝިޕް ސްކީމްތަކުގެ ބޭރުން އެއްވެސް އިތުރު އާ ސްކޮލާޝިޕެއް ނުދިނުމަށް ވެސް އިދާރާތަކަށް ފިނޭންސުން ވަނީ އަންގާފަ އެވެ. ރާއްޖޭން ބޭރުން ސްޕޮންސާ ނުކުރާ ހުރިހާ ޓްރޭނިން އަދި ކުރު މުއްދަތުގެ ޕްރޮގްރާމްތައް ހުއްޓާލަން ވެސް ވަނީ އަންގާފަ އެވެ.

ޖުމުލަ ގޮތެއްގައި ސަރުކާރުގެ އޮފީސްތަކުން 35,000ރ. އަށްވުރެ އިތުރަށް ހަރަދު ކުރަން ޖެހޭނަމަ މިހާރު ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެ އެވެ.












